މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއުގައި އެމްޕީއެލް އިން ފެށިގެން ސުނާމީ ބިނާ ހިސާބު މަގުތައް ތަރައްގީކޮށް މިއަހަރުގެ ނޮވެންބަރަށް ނިންމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅު އެކްސްގައި ކުރެއްވި ބޮޑުތަކުރުފާނު މަގުގެ ދެވަނަ ފިޔަވަހީގެ މަސައްކަތާއި، ބަނދަރު ސަރަޙައްދު ތަރައްޤީކުރުމުގެ ޕްލޭންގެ ދަށުން ކުރަންޖެހޭ ބައެއް މަސައްކަތްތަކުގެ ވާހަކަ ފާހަގަކުރައްވަމުންނެވެ.

މީގެ އިތުރުން ރައީސް ވަނީ "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 4 ވަނަ އެޕިސޯޑްގައި ވާހަކަަފުޅުދައްކަވަމުން ބޮޑުތަކުރުފާނު މަގުގައި އެމްޕީއެލް އިން ފެށިގެން ރަސްފަންނާ ހަމައަށް އޮންނަ ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތް ފެއްޓޭނޭކަމަށް ވިދާޅުވެފައެވެ.

އެއީ، އެ މަގުގައި އެންމެ ބޮޑަށް ގާތަށް މުގުރި ހަލާކުވެފައި އޮތް ސަރަހައްދުކަމަށާއި، މި ހުރިހައި ފިޔަވައްސެއް ފުރިހަމަކުރެވުމުން، މާލޭގެ ބާޒާރުމައްޗާއި، ވިޔަފާރި ސަރަހައްދާއި، ޖުމުލަކޮށް ދުއްވާ ހުރިހާ ފަރާތްތަކަށް ލުއިފަސޭހަ ލިބޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މާލޭ ފަޅުން ހިއްކައިގެން މަގު ފުޅާކުރުމުގެ ސަބަބުން، ބަނދަރު ބޭނުންކުރާ ފަރާތްތަކަށް އިތުރު ތަކުލީފެއް ނުލިބޭނޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން، މަގުން ބޭރަށް ނެރޭ ބައި ތަރައްގީކުރަނީ ތިން ފަރާތުން ކީވޯލް ހުންނަ ގޮތަށް ކަމުގައި ވުމުން، އުޅަނދުފަހަރަށް ތޮށިގަނޑާ ކައިރިކުރަން ލިބޭ ޖާގަ ވާނީ އިތުރު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިފަދަ މަޝްރޫއުތަކުން ތޮއްޖެހުމަށް ލުޔެއް ލިބުނުކަމުގައިވިޔަސް، މާލޭ ސަރަހައްދު ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ މިކަމުގެ މުލުގައިވާ ހަގީގީ މައްސަލައަށް ހައްލު ހޯދިގެންކަމުގައި އެމަނިކުގާނު ވިދާޅުވިއެވެ. އެގޮތުން، މި ސަރުކާރުން މަސައްކަތްކުރަނީ ހިދުމަތްތަކާއި، ފުރުސަތުތަކާއި، ބޯހިޔާވަހިކަން ލާމަރުކަޒުކޮށް، ސަރަހައްދީ ތަރައްގީ ގެނައުމަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި ދުރު ރާސްތާ ހައްލާއެކު، އޭގެ ޒާތުގައި މާލޭގެ ތޮއްޖެހުމުގެ މައްސަލަ ހައްލުވެގެންދާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ބޮޑު ތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރުވަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް މަގު ތަރައްގީކޮށް ނިންމާފައެވެ.