މާލެ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރުގެ މަޝްރޫއުގެ އެއްބަސްވުމުގައި، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ދެމެދު ސޮއިކޮށްފިއެވެ.

ހުޅުމާލޭގައި 14 ބުރީގެ "މާލޭ ކޯޓު ކޮމްޕްލެކްސް" އަޅަން އެމްޓީސީސީއަށް
ހުޅުމާލޭގައި 14 ބުރީގެ "މާލޭ ކޯޓު ކޮމްޕްލެކްސް" އަޅަން އެމްޓީސީސީއަށް

މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އަލްއުސްތާޒް ޔޫސުފް އަބްދުލްއަފޫރް އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔަރޑް) އަހްމަދު ސައުދީއެވެ.

ހުޅުމާލެ ފޭސް 1 ގެ ސެންޓްރަލް ޕާކާ އިންވެގެންވާ ސަރަހައްދުގައި ތަރައްގީކުރާ މި ކޮމްޕްލެކްސްގެ މަސައްކަތް 720 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވެއެވެ. ޖުމްލަ 14 ބުރީގެ މި އިމާރާތަކީ ހައިކޯޓާއި، ސިވިލް ކޮޓާއި، ކްރިމިނަލް ކޯޓުގެ އިތުރުން ފެމިލީ ކޯޓާއި، ޑްރަގް ކޯޓާއި، ޖުވެނައިލް ކޯޓު އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ހިންގުމަށް ބޭނުންވާ ޖާގަ ހިމެނޭގޮތަށް ފަރުމާކުރެވިފައިވާ އިމާރާތެކެވެ.

މި މަޝްރޫއު ނިމުމާއެކު، ޝަރުއީ ދާއިރާއަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެއެވެ. މި ކޯޓު ކޮމްޕްލެކްސް ތަރައްގީކުރެވިގެންދާނީ ޒަމާނީ އެންމެހައި ވަސީލަތްތަކާއެކު، ފަނޑިޔާރުންނާއި މުވައްޒަފުންގެ އިތުރުން، ކޯޓުތަކުގެ ހިދުމަތް ހޯދާ އާންމު ރައްޔިތުންނަށް ލުއިފަސޭހަވާނެ ފަދަ އިންތިޒާމުތަކެއް ހިމެނޭގޮތަށެވެ.