ބަންގްލަދޭޝް ގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޙްމާން، ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެންފިއެވެ.

އެ މަނިކުފާނުގެ މި ދަތުރުފުޅަކީ، ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް ދެއްވި ދައުވަތު ގަބޫލުފުޅު ކުރައްވައި، މިހިނގާ ޖުލައި މަހުގެ 25 އިން 27 ގެ ނިޔަލަށް އެ މަނިކުފާނު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުން އެ މަނިކުފާނަށް މަރްޙަބާ ވިދާޅުވީ ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް އެވެ.

ބަންގްލަދޭޝް ގެ ހާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރެއްވުމާއި، ވަޒީރު އިރުތިޝާމް އާދަމް އާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މި ބައްދަލުވުންތަކުގެ މަޝްވަރާތައް ބިނާކުރެވޭނީ ރާއްޖެ އާއި ބަންގްލަދޭޝް އާ ދެމެދު އޮންނަ ޒަމާންވީ ގާތް އެކުވެރި ގުޅުމުގެ މައްޗަށާއި، މި ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރެވޭނޭ ގޮތްތަކާއި، ދެ ގައުމުން އިސްކަންދޭ ކަންތައްތަކުގައި ގުޅުން ބަދަހިކުރުމަށް ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށެވެ.

މީގެ އިތުރުން، ސަރަހައްދީ އަދި ބައިނަލްއަގްވާމީ މައްސަލަތަކާއި ގުޅޭގޮތުން ހިޔާލުފުޅު ބަދަލުކުރައްވައި، މިފަދަ މައްސަލަތަކުގައި ދެ ގައުމުން ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރާނެ ގޮތްތަކާއި ގުޅޭގޮތުން ވެސް ދެ ވަޒީރުން މަޝްވަރާ ކުރެއްވުމަށްވަނީ ހަމަޖެހިފަ އެވެ.

މި ދަތުރުފުޅަކީ 17 ފެބްރުއަރީ 2026 ގައި ބަންގްލަދޭޝް ގެ ހާރިޖީ ވަޒީރު މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

މި ދަތުރުފުޅަކީ ދިވެހިރާއްޖެ އާއި ބަންގްލަދޭޝް އާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އަދި މުސްތަޤްބަލުގައި ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް ހަރުދަނާ ކުރުމަށް މަގުފަހިވެގެންދާނޭ ދަތުރުފުޅެކެވެ.