ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ޕްރިންސް ޑރ މަންޞޫރަށް ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވެ، ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ދެއްވަމުންގެންދަވާ އެއްބާރުލެއްވުމަށް، ޚާއްޞަކޮށް ދިވެހި ޙައްޖުވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން "މައްކާ ރޫޓް އިނިޝިއޭޓިވް" ގެ ދަށުން ވެދެއްވާފައިވާ އެހީތެރިކަމަށް އެމަނިކުފާނު ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
އެމަނިކުފާނު ދިވެހިރާއްޖެއަށް މިކުރައްވާ ދަތުރުފުޅަކީ، ދިވެހިރާއްޖޭގެ 61 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ އިޙްތިފާލުތަކުގެ ޝަރަފުވެރި މެހެމާނުގެ ހައިސިއްޔަތުން ކުރައްވާ ދަތުރުފުޅެކެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، ސަޢޫދީ ޢަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު، ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދުގެ ފަރާތްޕުޅުންނެވެ.
ޕްރިންސް ޑރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު މާލެ ވަޑައިގަތުމުން، އެމަނިކުފާނަށް ވަނީ، ރަސްމީ އިއްޒަތުގައި މަރުޙަބާ ދަންނަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ޕްރިންސް ޑރ މަންޞޫރު ދެއްކެވި ވާހަކަފުޅުގައި، ސަޢުދީ ޢަރަބިއްޔާގެ އިސްވެރިން، ދިވެހިރާއްޖޭގެ ތަރައްޤީއާއި ފާގަތިކަމަށް އަބަދުވެސް ދެއްވާ ޚާއްޞަ އަހަންމިއްޔަތުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދެ ޤައުމުގެ މެދުގައިވާ ދީނީ އެއްބައިވަންތަކަމާއި، އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިޙްތިރާމާއި، ހިއްސާކުރާ އާންމު އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ޒަމާންވީ އަޚުވަންތަ ގުޅުމާއި، ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނެވެ. މީގެ އިތުރުން، ވިޔަފާރިއާއި، އިންވެސްޓްމަންޓާއި، އިޤްތިޞާދީ ތަރައްޤީއާއި، ދެ ޤައުމުގެ މަސްލަހަތު ހިމެނޭ އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފުރުޞަތުތަކާ ގުޅޭގޮތުންވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.