ސްރީލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް އެ ގައުމަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ލަންކާގެ ފުލުހުންގެ ނާކޮޓިކް ބިއުރޯ (ޕީއެންބީ) އިން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ ބުދަ ދުވަހުގެ ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 10 މިލިއަން ރުޕީސްގެ އައިސް (ކްރިސްޓަލް މެތެމްފެޓަމީން) ލަންކާ އަށް އެތެރެކޮށް ވިއްކަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ 40 އަހަރުގެ މީހަކާއި 28 އަހަރުގެ މީހެކެވެ. އެ ދެ މީހުންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.

ލަންކާ ފުލުހުން ބުނާގޮތުގައި މި ތަކެތި ހުރީ ދެ ޕެކެޓަކަށް ބަހާލުމަށް ފަހު ސެލޯޓޭޕް އަޅައި ރައްކާތެރިކޮށްފައެވެ.

މި މައުލޫމާތުގެ މައްޗަށް ބިނާކޮށް ފުލުހުން ހިންގި އޮޕަރޭޝަންގައި ބުދަ ދުވަހުގެ ރޭ ކޮލަމްބޯގެ ހޮޓަލަކުން އެ ނެޓްވޯކްގައި މަސްތުވާތަކެތި ޑިސްޓްރިބިއުޓްކުރާ މައި މީހާ ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާގެ އަތުން 10 ގްރާމް އަދި 670 މިލިގްރާމްގެ އައިސް ފެނިފައިވާކަމަށް ޕީއެންބީގެ އޮފިސަރުންނާ ހަވާލާދީ ނޫހުގައި ބުނެފައިވެއެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ ދެ ދިވެހިންނަކީ ވެސް ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބަޔަކާ ގުޅުން އޮންނަ ބައެއްކަމަށް ލަންކާ ފުލުހުން ބުނެއެވެ.

ނިގަމްބޯ މެޖިސްޓްރޭޓް ކޯޓަށް އިއްޔެ މި ދެމީހުން ހާޒިރުކުރުމުން، މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި 14 ދުވަސް ވަންދެން ބަންދުގައި ބޭތިއްބުމަށް މިހާރު ވަނީ އަމުރުކޮށްފައެވެ. ސްރީލަންކާގެ ޕޮލިސް ނާކޮޓިކް ބިއުރޯއިން ދަނީ މި މައްސަލަ އިތުރަށް ބަލަމުންނެވެ.