ބްލޫ ސިނަޖީ އިންވެސްޓްމަންޓްސްއާއި ލަންޑަނުގެ އެމެރަލްޑް ކޯޕަރޭޓްސް ގުޅިގެން، "ތާ އައިލެންޑް ކްލަސްޓަރު ސަސްޓެއިނަބަލް ޓައުންޝިޕް"ގެ ނަމުގައި ހާއްސަ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

ތ. އަތޮޅުގައި 175 މިލިޔަން އެމެރިކާ ޑޮލަރުގެ ބިޔަ އިންވެސްޓްމެންޓެއް ކޮށްގެން ތަރައްގީ ކުރާ އެ މަޝްރޫއުގެ އެއްބަސްވުމުގައި ދެ ކުންފުނީގެ ދެމެދުގައި ފަހުމުނާމާއެއްގައި ސޮއިކޮށްފައިވާ އިރު، އެ މަޝްރޫއަކީ، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރާ ޓައުންޝިޕް މަޝްރޫއެކެވެ.

އެ މަޝްރޫއަކީ، ތިމާވެއްޓާ ރައްޓެހި އަދި ޒަމާނީ ވަސީލަތްތަކާއެކު ފަރުމާކުރެވޭނެ މަޝްރޫއެއް ކަމަށްވީ އިރު، މަލްޓި އައިލެންޑް ކޮންސެޕްޓަށް ތަރައްގީކުރާ މި ޓައުންޝިޕުގައި ދިރިއުޅުމަށް ބޭނުންވާ އެކި ފެންވަރުގެ ވަސީލަތްތަކާއި، ވިޔަފާރި އަދި މުނިފޫހިފިލުވުމުގެ ހިދުމަތްތައް ހިމެނޭނެއެވެ. އަދި، މި މަޝްރޫއުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ހާއްސަ އިސްކަމެއްދިނުމަށް ވަނީ ނިންމާފައެވެ.

ތ. އަތޮޅުގައި ތަރައްގީކުރާ މި މަޝްރޫއަކީ، ރާއްޖޭގެ އަތޮޅެއްގައި އަމިއްލަ ފަރާތަކުން ހިންގާ އެންމެ ބޮޑު އެއް އިންވެސްޓްމަންޓަށް ވެގެންދާނެއެވެ. މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގެ އިގުތިސޯދަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތައް އުފެދިގެންދާނެ ކަން ބްލޫ ސިނާޖީ އިންވެސްޓްމަންޓްސް އިން ހާމަކޮށްފައިވެ އެވެ.

މި މަޝްރޫއު އަމަލީގޮތުން ހިންގައި ތަންފީޒު ކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ، ބްލޫ ސިނަޖީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޔާޒު ކަމަށްވީ އިރު މި މަޝްރޫއުގެ ހުރިހާ އޮޕަރޭޝަނަލް ކަންކަމެއް ރަސްމީކޮށް ހިންގާނީ އޭނާގެ ބެއްލެވުމުގެ ދަށުންނެވެ. އަދި އެ ފަރާތްތަކުން ވަނީ މިއީ ރާއްޖޭގެ ފަތުރުވެރިކަމާއި އިޖުތިމާއީ ތަރައްގީއަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަން ފާހަގަކޮށްފަ އެވެ.

ތ. އަތޮޅުގައި ޓައުންޝިޕް މަޝްރޫއެއް ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، ނ. އަތޮޅުގައި ތަރައްގީކުރާ 'އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް'ގެ މަސައްކަތްވެސް ބާރު ދުވެއްޔެއްގައި ކުރިއަށްދާ ކަމަށް އިންވެސްޓް މޯލްޑިވްސްއިން ވަނީ މައުލޫމާތުދީފަ އެވެ. އެގޮތުން ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ ނ. އަތޮޅު މަޝްރޫއަކީ ޖުމްލަ 790 މިލިޔަން އެމެރިކާ ޑޮލަރު ނުވަތަ 12.2 ބިލިޔަން ރުފިޔާގެ އިންވެސްޓްމެންޓެކެވެ.