ބުލީ ކުރުމަކީ ގާނޫނީ ކުށެއް ކަމަށް ކަނޑައެޅުމަށް އެކުލަވާލާ "އެންޓި ބުލީ ގާނޫނު"އަށް ބޭރުގެ ލަފާ ހޯދަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕަލްސް ފޮޑްކާސްޓް ސިލްސިލާގެ 5 ވަނަ އެޕިސޯޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބުލީ ކުރުމާއި ދެކޮޅަށް ހަރުދަނާ ގާނޫނީ ފިޔަވަޅުތަކެއް އަޅަން ކުރެވެންހުރި ކަންކަން ސަރުކާރުން ކުރަމުންދާ ކަމަށެވެ.
އެގޮތުން އެންޓިބުލީން ގާނޫނަކީ އޭގެތެރޭގައި ހިމެނޭ މަސއްކަތެއް ކަމަން ފަހަގަކުރައްވާ ރައީސް ވިދާޅުވީ އެ ގާނޫނު އެކުލަވާލުމުގެ މަސައްކަތް ކުރަމުންދަނީ ބުލީކުރުމާއި ދެކޮޅަށް މަސައްކަތް ކުރަމުންދާ ފަންނީ މީހުންނާއި، ސްޓޭކް ހޯލްޑަރުންގެ މަޝްވަރާގެ މަތިންކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ނަފްސާނީ ދުޅަހެޔޮކަން ހަރުދަނާ ކުރުމަށާއި، ނަފްސާނީ ފަރުވާ ހަރުދަނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިނަކީ، ފަރުވާގެ ނިޒާމް އާއްމުންނަށް ބަރޯސާވެވޭފަދަ ނިޒާމަކަށް ހެދުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.
ހަމަމިއާއެކު ރައީސް ވަނީ ނަފްސާނީ ބަލިތަކަށް ބޭނުންވާ ފަރުވާގެ އިންތިޒާމުތައް އާސަންދަ މެދުވެރިކޮށް ހަމަޖެހުމަކީ، އެފަދަ ހާލަތްތައް ތަހައްމަލު ކުރާ މީހުންނަށް ލިބުނު ލުޔެއްކަމަށާއި، ހޮސްޕިޓަލުތަކުން ލިބޭ ނަފްސާނީ ފަރުވާގެ ހިދުމަތްތައް ފުޅާކުރުމާއި، އައު މެންޓަލް ހެލްތު ފެސިލިޓީއެއްގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާ ކަމަށް ވިދާޅުވެފަ އެވެ. އަދި ރައީސް ވަނީ އެ މަސައްކަތްތަކުގެ ނަތީޖާ ރަނގަޅުވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ބުލީކުރުން ފަދަ މައްސަލަތައް ހައްލުކުރުމަށް ގާނޫނީ ފަރުވާ ހޯދައިދިނުމުގެ އިތުރުން، ބުލީކުރާ މީހާއާއި ބުލީގެ ޝިކާރައަކަށްވާ މީހާއަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމެއް ގާއިމްކޮށްދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
އެގޮތުން އެންޓި ބުލީގެ ގާނޫނު އެކުލަވާލުމުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހުން ކުރަމުންދާކަން ރައީސް ހާމަކުރައްވާފައިވަނީ، މިދިޔަ އޭޕްރީލް މަހުގެ ފަހުކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އެންޓިބުލީގެ ގާނޫނަކީ، ބުލީގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބޭނެ ކަމެއްކަމަށް ސަރުކާރުން ގަބޫލުކުރާ އިރު އެ ގާނޫނުގައި ބުލީއާ ގުޅޭގޮތުން ވަރަށް ތަފްސީލުކޮށް ހުރިހާ ކަމެއް ބަޔާންކުރާނެ ކަަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
އެ ގާނޫނު މެދުވެރިކޮށް ބުލީ ކުރުމާ ގުޅޭ މައުލޫމާތުތައް ހާއްސަ ނިޒާމެއްގެ ދަށުން ގަވާއިދުން ސެންޓްރަލް އެޖެންސީއަކަށް ރިޕޯޓް ކުރެވޭނެ ގޮތް ހަމަޖައްސާނެ ކަމަށާއި ސްކޫލުތަކުގެ ރަސްމީ މަންހަޖުގައި ބުލީގެ ތަފްސީލީ މައުލޫމާތު ހިމަނަން އެ ބިލުގައި ހިމަނާނެކަމަށް ސަރުކާރުން ކުރިން ހާމަކޮށްފައިވެއެވެ.