ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން، އޮފިޝަލް އިވެންޓްސް އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ”ސައްބީސް ކާނިވަލް“ ނަމުގައި ހާއްސަ ކާނިވަލެއް ފަށައިފިއެވެ.
އެޗްޑީސީން ބުނީ، 8 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ކާނިވަލް ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތައް ކޮންމެ ދުވަހެއްގެ ހަވީރު 04:00 އިން ފެށިގެން ރޭގަނޑު 11:00 އާ ހަމައަށް ކުރިއަށްދާނެ ކަމަށެވެ. އެގޮތުން މި ކާނިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ މި ހިނގާ ޖުލައި މަހުގެ 24 ވަނަ ދުވަހުން ފެށިގެން މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
8 ދުވަހަށް ކުރިއަށްގެންދާ މި ކާނިވަލްގައި ހުރިހާ އުމުރުފުރާއަކަށް ހާއްސަ ހަރަކާތްތައް ހިމެނޭ ކަމަށް އެޗްޑީސީން ބުނެއެވެ. އެގޮތުން، ކާނިވަލް ގޭމްސް، ހޮރޯރ ހައުސް، ޑިޖިޓަލް ގޭމިންގ އެރީނާ، ފުޑް ކިއޮސްކުތައް، ޗިލްޑްރެންސް އޭރިއާ، އިންފްލޭޓަބަލްސް، އަދި ލައިވް މިއުޒިކްއާއެކު ބޮޑުބެރު ހުށަހެޅުންތައް ކާނިވަލްގެ އެކި ދުވަސްތަކުގައި އޮންނާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
އެޗްޑީސީން ބުނީ މި ކާނިވަލުގެ މައިގަނޑު މަގުސަދަކީ މިނިވަން ދުވަހުގެ އުފާ ފާޅުކުރުމާއެކު، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން އިތުރުކުރުން ކަމަށެވެ. އަދި ކުދިބޮޑު އެންމެން އެއްތަނަކަށް އެއްވެ، މަޖާ މާހައުލެއްގައި ހިތްހަމަޖެހޭ ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީވެސް މި ހަރަކާތުގެ ބޭނުމެއްކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެޗްޑީސީން ބުނީ، އެ ކޯޕަރޭޝަންގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ބައިވެރިވުމާއެކު، މިފަދަ ގައުމީ މުނާސަބަތުތައް ކުލަގަދަގޮތެއްގައި ފާހަގަކުރުން ކަމަށެވެ.