ޒުވާނުން ބާރުވެރިކުރުވުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދެއްވާ އެއް ދާއިރާއަށްވާއިރު، މިކަން ހާސިލުކުރުމުގައި ހުރި އެކި ގޮންޖެހުންތައް ގިރާކޮށް، މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ ރަނގަޅު ނަތީޖާ ފެންނާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
އެ މަނިކުފާނު މިޔަގީންކަން ދެއްވީ، ރައީސް އޮފީހުން ޝާއިއުކުރައްވާ ސިލްސިލާ ޕޮޑްކާސްޓް "ދަ ޕަލްސް" ގެ 5 ވަނަ އެޕިސޯޑްގައި ވާހަކަ ދައްކަވަމުންނެވެ.
މި ހަފުތާގެ އެޕިސޯޑް ހާއްސަކުރައްވާފައި ވަނީ ޒުވާނުން ބާރުވެރިކުރުވުމާ ގުޅޭގޮތުންނެވެ. މިފަހަރުގެ ޕްރޮގްރާމް ގައިވެސް ރައީސް ވަނީ، ޒުވާނުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި އެކަންކަމަށް އިޖާބަދެއްވާފައެވެ.
އެގޮތުން، ޒުވާނުންނަކީ ގައުމު ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ މުހިންމު ހިއްސާކަން ފާހަގަކުރައްވަމުން އެ މަނިކުފާނު ވަނީ، އިގްތިސާދީ އަދި ތައުލީމީ ދާއިރާގެ ތެރެއިން ޒުވާނުން ކުރިއެރުވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. ވަކީން ހާއްސަކޮށް، ހަށިހެޔޮ، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ޒުވާނުންނަށް ކުޅިވަރުކުޅެވޭނެ ފަހި ފުރުސަތުތައް މީގެ ކުރިން ރާއްޖެ ދެކެފައި ނުވާ މިންވަރަށް ތަރައްޤީކޮށްދެއްވުމަށް އަދުގެ ސަރުކާރުން މިހާރު ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ އަދާހަމަ، އެމަނިކުފާނު ވަނީ ހިއްސާކުރައްވާފައެވެ. މިފަދަ މަޝްރޫއުތަކަކީ ހަމައެކަނި ވެރިރަށް، މާލެއަށް ހާއްސަ ކަމަކަށްވުމުގެ ބަދަލުގައި، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި މިފަދަ ހިދުމަތްތައް ގާއިމުކުރެވެމުންދާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން 2028 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާ ހިސާބަށް ދެވޭއިރު، މިފަދަ މަޝްރޫޢުތައް ހުންނާނީ ކާމިޔާބުކަމާއެކު ނިންމާލެވިފައިކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ޖިސްމާނީ ދުޅަހެޔޮކަމުގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމަކީ ދިރިއުޅުމުގެ އެތައް ހާލަތަކާ ގުޅިފައިވާ ކަމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ޒުވާނުންނަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ ބައެއްކަން ކަށަވަރުކުރުމަށްޓަކައި ވަށާޖެހޭ މަސައްކަތްތަކެއް މިހާރުވެސް ކުރެވެމުންދާކަމަށެވެ.
ޒުވާނުން ބާރުވެރިކުރުވުމަށްޓަކައި ޕްރައިވެޓް ސެކްޓަރގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ޒުވާނުންނަށް ރަނގަޅު އާމްދަނީއެއް ލިބޭނެ މަގު ފަހިކޮށްދެއްވުމަށްޓަކައި ސަރުކާރުން އަޅުއްވާ މުހިންމު ބައެއް ފިޔަވަޅުތަކުގެ މައްޗަށްވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ވިޔަފާރީގެ ތެރޭގައި ޒުވާނުންގެ ހިއްސާ އިތުރުކުރުމަށްޓަކައި އަދުގެ ސަރުކާރުން ތައާރަފުކޮށްދެއްވާ ލޯން ސްކީމްތަކުގެ އިތުރުން، ޒުވާނުން ކުރިއަރާ ދިއުމަށް ހުރި އިތުރު ހުރަސްތަކާއި ގޮންޖެހުންތައް ގިރާކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ސަރުކާރުން އަޅުއްވާ ފިޔަވަޅުތަކުގެ މައްޗަށް އެމަނިކުފާނު ތަފްސީލީ ގޮތެއްގައި ބައްލަވައިލެއްވިއެވެ. ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ސަބަބުން ޒުވާނުންނަށް ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭއިރު، މިކަން ހައްލުކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުން މުހިންމުކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ އަމާޒަކީ 2030 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީގެ މަދުވެގެން 15 ިއިންސައްތަ އަކީ ކްރިއޭޓިވް އިކޮނޮމީގެ ދާއިރާއިން ހިއްސާކުރާ މިންވަރަށް ހެދުންކަމުގައި ވާއިރު، މި އަމާޒަށް ވާސިލުވުމަށްޓަކައި މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ރައްޔިތުންނަށް ރަނގަޅު ގޮތް އަންގައިދީ އެކަމަށް މަގުފަހިކޮށްދިނުން ކަމަށެވެ. އެގޮތުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ކޮށް ނިމެމުންދާކަމަށާ، ވަޒީފާއާއި އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމުގައި ދިވެހިންނަށް އިސްކަންދިނުމުގެ އިތުރުން އެކި ދާއިރާތަކުން ފަންނުވެރިން އުފައްދައިދީ، ކިޔަވައިގެން ނުކުންނަ ކުދިންނަކީ ތައުލީމީ ނުވަތަ މަސައްކަތުގެ ދާއިރާއިން ހުނަރުވެރި ބަޔަކަށް ހަދައިދީ، ކުރިއަށްދާނެ މަގުތައް ފަހިކޮށްދިނުން ހިމެނޭ ކަމުގައި އެ ރައީސް ވިދާޅުވިއެވެ. އަދި މިމަސައްކަތްތަކުގެ ސަބަބުން ރަނގަޅު ނަތީޖާއެއް ހާސިލުވާނެކަމަށް ޤަބޫލުފުޅުކުރައްވާކަމުގައި ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.