އިންޑިއާގެ ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލުގެ ޕެކޭޖުތަކުގެ އަގުތައް ލިބިފައިވާ ކަމަށާއި އެއްބަސްވުން އައުކުރުމަށް ތައްޔާރުވެފައިވާ ކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ.

މީޑިއާއެއްގައި ވާހަކަ ދައްކަވަމުން އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ ވިދާޅުވީ، އާސަންދައިގެ ދަށުން ސިއްހީ ހިދުމަތް ފޯރުކޮށްދޭ ބޭރުގެ ހޮސްޕިޓަލު ތަކާއެކު ހަދާފައިވާ އެއްބަސްވުންތައް އައު ކުރުމަށް ދުރާލާ މަސައްކަތް ކުރައްވާ ކަމަށެވެ.

އެގޮތުން މުއްދަތު ހަމަވުމުގެ 3 މަސް ނުވަތަ 4 މަސް ދުވަހުގެ ކުރިން ހޮސްޕިޓަލުތަކަށް ޕެކޭޖުތަކުގެ އަގުތައް ދިނުމަށް އަންގާކަން ފާހަގަކުރައްވާ ޒީނިޔާ ވިދާޅުވީ ކަން އެހެން އޮތް ނަމަވެސް އަމްރިތާ ހޮސްޕިޓަލަށް އައު ބަލި މީހުން ފޮނުވުން މެދެކަނޑާލާފައިވަނީ، އެ ހޮސްޕިޓަލުން ޕެކޭޖުތަކުގެ އަގުތައް ނުދީ އޮތުމުން ކަމަށެވެ. އަދި މިހާރު އެ ހޮސްޕިޓަލުން ޕެކޭޖުތަކުގެ އަގުތައް ހިއްސާކޮށްފައިވާ ކަމަށާއި އަގުތައް މުރާޖައާ ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ޒީނިޔާ ވިދާޅުވިއެވެ.

އަގުތައް މުރާޖަޢާ ކުރުމަށްފަހު ދެބައި މީހުން އެއްބަސްވާ އަގުތަކެއް ކަނޑައަޅާ އައު އެއްބަސްވުމުގައި ސޮއިކުރާނެ. މިހާރުވެސް އެ ހޮސްޕިޓަލުން ފަރުވާ ހޯދާ މީހުންނަށް މެދުކެނޑުމެއްނެތި ހިދުމަތް ލިބޭނެ. އަމްރިތާ ހޮސްޕިޓަލުގެ އިތުރުން ވަރަށް ގިނަ ދިވެހިން ހިދުމަތް ހޯދާ ކޮޗިންގެ 4 ހޮސްޕިޓަލް ހުންނާނެ. އެއީ، ދިވެހިން ވަރަށް ބޭނުންވެގެން ދާ ހޮސްޕިޓަލުތަކެއް."

އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ

އާސަންދައަކީ، ހެލްތު އިންޝުއަރެންސްގެ ގައުމީ ނިޒާމު ކަމަށްވީ އިރު، އެނިޒާމުގެ ދަށުން ކޮންމެ ދިވެއްސަކަށް ދައުލަތުގެ ހަރަދުގައި ހިލޭ ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވެ އެވެ. އާސަންދައިން އަހަރެއްގެ މައްޗަށް 3 ބިލިއަނެއްހާ ރުފިޔާ ބޭސްފަރުވާއަށް ހަރަދު ކުރެއެވެ. އެ ނިޒާމުގެ ދަށުން އިންޑިއާ، ސްރީލަންކާ، ދުބާއީ އަދި ތައިލެންޑުގެ ބައެއް ހޮސްޕިޓަލުތަކަށް އާސަންދައިގެ ދަށުން ބަލި މީހުން ފޮނުވަމުންދެއެވެ.

އެގޮތުން އަމްރިތާ ހޮސްޕިޓަލަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށް ގޮސް އުޅޭ ހޮސްޕިޓަލެކެވެ. އިންޑިއާގެ ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލަށް އާސަންދައިގެ ދަށުން އާ ބަލި މީހުން ފޮނުވުން ދާދިފަހުން ވަނީ މެދުކަނޑާލާފައެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް އާސަންދައިގެ ދަށުން "މެރަނާ" ސްކީމްގެ ދަށުން ލުއި ފަސޭހަގޮތެއްގައި ސިއްހީ ހިދުމަތް ދަނީ ދެމުންނެވެ. އެ ހިދުމަތް ދޭ ގައުމުތަކުގެ ތެރޭގައި އިންޑިޔާއާއި ސްރީލަންކާއާއި މެލޭޝިޔާ ހިމެނެއެވެ.