އަންނަ ހަފުތާގައި އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތް ފަށާނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ބުނެފި އެވެ.

މީޑިއާއަކަށް އެމްޓީސީސީން މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ މަޝްރޫއުތަކަށް އަލިއަޅުވާލައްވަމުން އެމްޓިސީސީގެ ޖެނަރަލް މެނޭޖަރު އިބްރާހީމް ހަސަން ވަނީ، ތާރު އަޅައިގެން ތަރައްގީ ކޮށްފައިވާ އަމީނީމަގުގެ އެކި ތަންތަނުން ތާރުގަނޑު އުފުލި އެމަގު ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަން ފާހަގަކުރައްވާ އަމީނީ މަގުގެ މަސައްކަތް އަންނަ ހަފުތާގައި ފެށުމަށް ނިންމާފައިވާކަން ހާމަކުރައްވާފައެވެ.

އިބްރާހީމް ހަސަން ވިދާޅުވީ، އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތުގެ ދަށުން މަގު މަރާމާތު ކުރުމުގެ އިތުރުން ބަސް ހުއްޓިތައް ހިމެނޭ ސަރަހައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

އަމީނީ މަގުގެ މިހާރު ހަލާކުވެފައިވާ ސަރަހައްދުގެ މަސައްކަތް ނިންމާ ފުރަތަމަ ހުޅުވީ، 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ކަމަށް ވީއިރު، މިދިޔަ އަހަރުގެ ކުރީކޮޅުވެސް މާފަންނު ސްޓޭޑިއަމް ސަރަހައްދުގެ އިރުން ހުޅަނގަށް ދުއްވާ ލޭނުން ބައެއްގައި ތާރުގަނޑު މަރާމާތު ކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ނަމަވެސް ކުރު މުއްދަތެއްގެ ތެރޭގައި މަގުގެ ތާރުގަނޑު ހަލާކުވެ، އަޑިގުޑަންވެ، މަގުން ދުއްވާ މީހުންނަށް އޭގެ އުނދަގޫ ވަރަށް ބޮޑަށް ކުރިމަތިވިއެވެ. މީގެ ސަބަބެއްގެ ގޮތުގައި ޓެކްނިކަލް ފަރާތްތަކުން ފާހަގަކުރަނީ ތާރު އެޅުމަށްފަހު، ތާރުގަނޑު ރަނގަޅަށް ނުހިކެނީސް އުޅަނދުތަކަށް މަގު ހުޅުވާލުމެވެ.

އެހެންކަމުން އެކަމަށް ހައްލެއް ހޯދުމަށް މިދިޔަ މަހުގެ 15 ވަނަ ދުވަހު ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ވަނީ، އަމީނީ މަގުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައެވެ. އަދި މާލެ ސަރަހައްދުގައި ފިޝިން ޕްލެޓްފޯމެއްގެ މަސައްކަތް ކުރުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވާކަންވެސް އެމްޓިސީސީގެ ޖެނަރަލް މެނޭޖަރު އިބްރާހީމް ހަސަން ފާހަގަކުރެއްވިއެވެ.

މިދިޔަ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ހަރަދު ކޮށްގެން ކުރިއަށް ގެންދިޔަ، އަމީނީ މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ 1.79 ކިލޯ މީޓަރުގެ ސަރަހައްދެއް ތާރު އަޅައިގެން ތަރައްގީ ކޮށްފައިވާ އިރު، އަމީނީމަގުގެ މަސައްކަތް މުޅިން ނިންމާފައިވަނީ، 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ.