ޒުވާން ހަތީބުން ތަމްރީނު ކުރުމުގެ 5 ވަނަ ބުރު ފަށައިފި އެވެ.
އިސްލާމީ ކަންތައްތަކާ އައުގާފާ ބެހޭ ވުޒާރާއިން ވަނީ ޒުވާން ހަތީބުން ތަމްރީނު ކުރުމުގެ 5 ވަނަ ބުރުގެ 1 ވަނަ ސެޝަން މިދިޔަ ބުރާސްފަތިދުވަހު ބާއްވާފައިވާކަން ހާމަ ކޮށްފައެވެ. އަދި މި ބުރުގައި 80 ޒުވާން ހަތީބުން ތަމްރީން ކުރުމަށް ހަމަޖައްސާފައިވާ ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތުދީފަ އެވެ.
އެގޮތުން މި ބުރުގައި ބައިވެރިވުމަށް ހުޅުވާލީ މާލެ ސަރަހައްދަށް 40 ކުދިން އަދި އަތޮޅުތަކުން 40 ކުދިންނަށްކަން ފާހަގަކުރައްވާ އިސްލާމީ ކަންތައްތަކާ ބޭހޭ ވަޒީރުގެ ނައިބް އަލީ ވަހީދު ވިދާޅުވީ، މާލެ ސަރަހައްދުން ކުރިމަތިލި ކުދިންގެ ތަމްރީންތައް ކުރިއަށްދާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައިކަމަށެވެ. އަދި އަތޮޅުތަކުން ބައިވެރިވި ކުދިންގެ ތަމްރީންތައް ކުރިއަށް ގެންދާނީ އޮންލައިންކޮށްކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
ޒުވާން ހަތީބުން ތަމްރީންކުރުމުގެ ޕްރޮގުރާމަކީ ރަށްރަށަށް ދިމާވެފައިވާ ހަތީބުން ލިބުން ދަތިވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށާއި ޒުވާން ކުދިންނަށް މި ފުރުސަތު ފަހިކޮށްދިނުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ އެއް ޕްރޮގްރާމެވެ.
ޒުވާން ހަތީބުން ތަމްރީންކުރުމުގެ ޕްރޮގުރާމްގެ 4 ބުރެއް މިހާތަނަށް ކުރިއަށްގެންގޮސްފައިވާ އިރު، އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާގޮތުގައި ޒުވާން ހަތީބުންގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 600 އަށް ވުރެ ގިނަ ޒުވާނުން ސަނަދު ހޯދާފައިވެ އެވެ. އެ ވުޒާރާގެ އަމާޒަކީ 1000 ޒުވާން ހަތީބުން ތަމްރީންކުރުމެވެ.
ޒުވާން ހަތީބުންގެ ޕްރޮގްރާމް ކުރިއަށްގެންދަނީ ގްރޭޑް 10، 11، އަދި 12 އެއްގައި ކިޔަވަމުންދާ ދަރިވަރުންނަށާއި، ކިޔެވުން ނިމިފައިވާ 18 އަހަރު ނުފުރޭ ކުދިންނަށް އަމާޒުކޮށްގެނެވެ. މި ޕްރޮގްރާމަކީ ދިވެހި ޒުވާނުންގެ މެދުގައި ވަރަށް ބޮޑު މަޤްބޫލުކަމެއް ލިބިފައިވާ، އަދި ދީނީ ދައުވަތުގެ މަސައްކަތަށް އައު ދިރުމެއް ގެނުވި ޕްރޮގްރާމެއްކަން އިސްލާމީ ކަންތައްތަކާ އައުގާފާ ބެހޭ ވުޒާރާއިން ފާހަގަކޮށްފައިވެ އެވެ.