ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ހަރަމްފުޅުގެ ހާދިމުގެ މުޝީރު، މިނިސްޓަރު އޮފް ސްޓޭޓް، އަދި ސައޫދީ އަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު، ޑޮކްޓަރު މަންސޫރު ބިން މުތްއިބު ބިން އަބްދުލްއަޒީޒް އާލް ސައޫދު، ރޭ ރާއްޖެ ވަޑައިގެންފިއެވެ.
މިއީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް، ސައޫދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު، މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައޫދުގެ ފަރާތްޕުޅުން އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ، ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް އާއި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ފޮރިން ރިލޭޝަންސް މުހައްމަދު ނަސީރެވެ. އަދި އެމަނިކުފާނުގެ ޝަރަފުގައި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމް.އެން.ޑީ.އެފް) އިން ޝަރަފުގެ ގާޑެއް ވަނީ އަރުވާފަ އެވެ.
ރާއްޖޭގެ މިނިވަން ދުވަހަކީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 26 ވަނަ ދުވަސް ކަމަށްވީ އިރު، ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނީ 26 ޖުލައި 1965 ގައެވެ. މިއީ އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި 77 އަހަރަށްވުރެ ގިނަ ދުވަހު އޮތުމަށްފަހު ލިބުނު މިނިވަންކަމެކެވެ.
މިނިވަން ދުވަހަކީ ރާއްޖޭގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރާ ގައުމީ ބަންދު ދުވަހެކެވެ. މި ދުވަހުގެ މުނާސަބަތުގައި ސިފައިންގެ ހެވިކަމުގެ ކުޅިވަރުތަކާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ސަގާފީ ހަރަކާތްތައް ބާއްވަމުންދެއެވެ.