ކިލޯ އަކަށް ވުރެން ގިނަ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި މާޝާ އިބްރާހީމްގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 15 ދުވަސް ޖަހައިފިއެވެ.

ލ. ދަނބިދޫ، ގުލްއަލާގެ އުމުރުން 38 އަހަރުގެ, މާޝާގެ ބަންދު އަމުރުގައި ބުނެފައިވަނީ، ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މިދިޔަ މަހުގެ 23 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ގ. މޫންލައިޓްވިއު 5 ބަލައި ފާސްކުރި އިރު، ކޮޓަރީގައޮ ހުރި ކަބަޑަކުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 20 ރަބަރު ޕެކެޓާއި ޑްރޯވަރަކުން 10 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ. އަދި ޑްރޯވަރުގެ ދަށުން 387،500 ރުފިޔާ ވެސް ފެނިފައިވާ ކަމަށް ބަންދު އަމުރުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ގްރައުންޑް ފްލޯރުގައި ހުރި ފޮށިގަނޑެއްގެ ތެރެއިން ޑިޖިޓަލް ކައްޓާއަކާއި އިތުރު ރަބަރު ޕެކެޓްތަކާ އެކު މަސްތުވާތަކެތީގެ ވިކުރާ ފޮތެއް ފެނިފައިވާ ކަމަށް ވެސް އެ އަމުރުގައި ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މާލެ/ ގ. މޫންލައިޓްވިޔު އުމުރުން 58 އަހަރުގެ މުޙައްމަދު ޢުމައިރު އާއި ލ. ދަނބިދޫ، ގުލްއަލާގެ އުމުރުން 38 އަހަރުގެ މާޝާ އިބްރާހީމްއެވެ.

އަމުރުގައިވާ ގޮތުން، އެ ގެއިން ފެނުނު ހުރިހާ ތަކެއްޗަކީ ހަމަ މި މައްސަލައިގާ ހައްޔަރުކޮށްފައިވާ މުޙައްމަދު ޢުމައިރުގެ ތަކެެއްޗެވެ.

ކޯޓު އަމުރުގައި އިތުރަށް ބުނެފައި ވަނީ، މާޝާ ބަންދުކޮށްފައި ވަނީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީ ކަމަށެވެ.