ބަނގުރާ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަންގައި މި ހިނގާ ޖުލައި މަހުގެ 23 ވަނަ ދުވަހުގެ ރޭ ގެ ވަގުތެއްގައި ކަމަށެވެ.
މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ އުމުރުން 26 އަހަރުގެ އިންޑިއާ މޠހެއް ކަމަށްވާ ދިނެޝް ކުމާރު މުރްގެސަން އެވެ.
އެ އޮޕަރޭޝަންގައި، ހުޅުމާލެ ފޭސް 1 ދިއްގާމަގުން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 18 ފުޅި ފެނިފައިވާ ކަމަށާއި، އަދި އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 53 ފުޅި ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.