ދިވެހި ސަރުކާރުގެ ރަސްމީ އޮންލައިން ފައިސާ ދެއްކުމަށް ބޭނުންކުރާ "ބަނޑޭރިޕޭ ޕޯޓަލް"ގެ މަރާމާތެއް މިރޭ ކުރާތީ، އެ ޕޯޓަލްގެ ހިދުމަތް އެ ވަގުތުތަކުގައި ނުލިބޭނެ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

މާލީ ވުޒާރާއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ މަރާމާތުގެ މަސައްކަތެއް ކުރުމަށްޓަކައި، ބަނޑޭރިޕޭ ޕޯޓަލްގެ ހިދުމަތް މެދުކަނޑާލާފައިވާ ކަަމަށާއި، މި ޕޯޓަލްގެ ހިދުމަތް މެދުކަނޑާލުމަށް ހަމަޖެހިފައި ވަނީ މިރޭ 8:00 އިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ރޭގެ ދަންވަރު 3:00 އާ ހަމައަށް ކަމަށެވެ.

އެ ވުޒާރާއިން ވަނީ، މި މަރާމާތުގެ މަސައްކަތުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ. އަދި ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް އަގުވަޒަންކޮށް އެ ވުޒާރާއިން ވަނީ ޝުކުރު އަދާ ކޮށްފައެވެ.

ބަނޑޭރިޕޭއަކީ މާލީ ވުޒާރާއިން ތައާރަފްކޮށްފައިވާ، ދައުލަތުގެ އިދާރާތަކަށް ދައްކަންޖެހޭ ފައިސާ އޮންލައިންކޮށް ބަލައިގަންނަ ރަސްމީ ޕޯޓަލެކެވެ.