އައްޑޫގެ ތަރައްގީ އާއި އިގުތިސާދީ ކުރިއެރުމަށް ހުރަސް އެޅުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
މޭޔަރު މިފަދައިން ވިދާޅުވީ، އައްޑޫގެ ފަތުރުވެރިކަމުގެ ޒޯންތަކުގެ ތެރެއިން މަސައްކަތްތައް މިހާރު އެންމެ ބާރަށް ކުރިއަށްދާ ފޭދޫ ފަތުރުވެރިކަމުގެ ޒޯނާ ދިމާލުން އޮތް ފަޅު ރަށް، ސަވާހިލި އައްޑޫ ސިޓީގެ އިހުތިސާސުން ވަކިކޮށްފައިވާ ކަން ހާމަ ކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރަށް، ކަންބޮޑުވުން ފާޅުކުރައްވަމުން އާންމުކުރި ވީޑީއޯ މެސެޖެއްގައެވެ.
ނިޒާރު ވިދާޅުވީ ސަވާހިލި ޕްރޮޖެކްޓަށް ސަރުކާރުން ހުރަސް އެޅީ، އެ މަޝްރޫއު އަށް ޝައުގުވެރިކަން ފާޅުކޮށް، ބައެއް ފަރާތްތަކުން ބިޑް ޑޮކިއުމަންޓް ވެސް ގަނެވެފައި ވަނިކޮށް ކަމަށެވެ. އެގޮތުން ސަވާހިލި ޕްރޮޖެކްޓަށް ހުރަސް އެޅުމުން ފޭދޫގެ ޓޫރިޒަމް ޒޯންގެ އޮޕަރޭޝަން ހުއްޓުމަކަށް އަތުވެދާނެ ކަމަށް ނިޒާރު ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވީ މި ސަރުކާރަށް ތިން އަހަރުވެ، ދައުރު ވެސް ހަމަވާން ގާތްވަމުން އަންނަ އިރު، އައްޑު އަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތް ކަމަށާއި، މި ހާލަތުގައި ކަންކަން އޮއްވައި ސަވާހިލި ފޭރިގަނެ، އައްޑޫގެ ތަރައްގީ އާއި އިގުތިސާދީ ކުރިއެރުމަށް ހުރަސް އެޅުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން މިކަމަކީ ރައްޔިތުންގެ ނިކަމެތި ކަމުގައި ބޭތިއްބުމަށް ހުދުމުހުތާރު ވިސްނުމުގައި ކުރަމުންދާ ކަންކަން ކަމަށް ނިޒާރުވަނީ ތުހުމަތު ކުރައްވާފައެވެ.
ނިޔާޒު އިތުރަށް ވިދާޅުވީ، ސަރުކާރުން ކަމެއް ކޮށް ނުދޭ ތަނުގައި ކައުންސިލުން ރައްޔިތުންނަށް ކޮށްދޭން އުޅޭ ކަންކަމަށް ސަރުކާރުނ ހުރަސް އަޅާ އިރު، ސިޓީ ކައުންސިލަކީ ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ކައުންސިލެއް ކަމަށެވެ.