ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން މަދުކުރަން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަނޑާލަން އުޅޭ މުވައްޒަފުންގެ އަދަދު ކަމަށްބުނެ އިދިކޮޅު އެމްޑީޕީން ދައްކާ ނަންބަރުތަކަކީ އޮޅުވާލައިގެން ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ދައްކާ ވާހަކަތަކެއް ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
މުންދު މި ފަދައިން ވިދާޅުވީ، ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ސަރުކާރު ހިއްސަވާ ކުންފުނިތައް ރައިޓްސައިޒް ކުރުމުގެ ގޮތުން ކުންފުނީގެ މުއައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް ޕީސީބީ އިން ނިންމި ނިންމުމާ ގުޅިގެން އެމްޑީޕީން ދައްކަމުން ގެންދަ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
މީޑިއާ އަކަށް ވާހަކަ ދައްކަވަމުން މުންދު ވިދާޅުވީ، ކުންފުނިތައް ރައިޓް ސައިޒް ކުރުމަށް އެންގުމުން ބައެއް ކުންފުނިތަކުން މަސައްކަތްތަކެއް ފެށިކަމަށާއި، އެގޮތުން ގަނޑުކޮށް މުސާރަނަގައިގެން އަމިއްލަ އަށް ކެނޑުމުގެ ފުރުސަތުވެސް ބައެއް ކުންފުނިތަކުން ހުޅުވާލި ކަމަށެވެ.
މީގެ އިތުރުން ކުންފުނިތައް ރައިޓް ސައިޒް ކުރުމަކީ ރާއްޖޭގެ ކުރިމަގަށް ބަލާއިރުވެސް ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކަމަށާއި، ނަމަވެސް އެއީ އުނދަގޫ މަސައްކަތެއް ކަމަށެވެ.
އެމްޑީޕީން މަސައްކަތް ކުރަނީ، ރައްޔިތުންގެ ތެރޭގައި ސަރުކާރާ މެދު ކަންބޮޑުވުން ފެތުރުމަށް ކަމަށް ފާހަގަ ކުރައްވައި މުންދު ވިދާޅުވީ، އެގޮތުން މީގެކުރިން ފްލެޓްގެ މައްސަލައިގައި އަދި ޑޮލަރުގެ މައްސަލައިގައިވެސް މީހުން ނެރެން އެމްޑީޕީން މަސައްކަތްކުރިކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީގެ އެފަދަ ކަންކަމަށް މިހާރު ރައްޔިތުންގެ ފަރާތުން މާބޮޑު ތަރުހީބެއް ނުލިބޭ ކަމަށް މުންދު ވިދާޅުވި އެވެ.
މުންދު ވަނީ، އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިފަހުން ޓީވީ ޕްރޮގްރާމެއްގައި ކުންފުނިތަކުގެ މުވައްޒަފުން މަދުކުރުމުގެ ވާހަކަ ދެއްކަވައި ހާމަކުރެއްވި ނަންބަރުތަކަކީ މުޅިން ނުބައި ނަންބަރުތަކެއް ކަމަށް ވިދާޅުވެ އެކަން ދޮގު ކުރައްވާފައެވެ.
އެމްޑީޕީ ސަރުކާރު އައިއިރު ކުންފުނިތަކުގައި ތިބީ ކިހާ މުވައްޒަފުންނެއް ކަމާއި، އެ ސަރުކާރު ނިމުނުއިރު ތިބީ ކިހާ އަދަދެއްގެ މުވައްޒަފުންކަން އެނގޭ ކަމަށް ފާހަގަ ކުރައްވައި މުންދު ވިދާޅުވީ، އެ ސަރުކާރުގައި އިތުރުވި މުވައްޒަފުންގެ އަދަދާ އަޅާބަލާއިރު، މި ސަރުކާރުގައި އިތުރުވި މުވައްޒަފުންގެ އަދަދު ނިސްބަތުން ވަރަށް ކުޑަކަމަށެވެ. އަދި ކުންފުނިތަކުގެ މުވައްޒަފުން މަދުކުރުމަކީ ސަރުކާރުން ސިއްރުން ކުރާ ކަމެއް ނޫންކަމަށް ވެސް މުންދު ވިދާޅުވި އެވެ.
މީގެ އިތުރުން މުންދު ވިދާޅުވީ، ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރުމުގެ ނަތީޖާއަކަށް ވާނީ އިގުތިސާދަށް ކޮންމެވެސް ވަރެއްގެ ލުޔެއްލިބި ކުންފުނިތަކުގެ ހިންގުން ރަނގަޅުވުންކަމަށެވެ. އަދ ރާއްޖޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ އަބަދު ދަރަނީގައި ހިންގި ތަންތަން ނޫންކަމަށާއި، ކުންފުނިތައް ދަރަނިވެރިވީ އެމްޑީޕީގެ ސަރުކާރުތަކުގައި ކަންކުރި ގޮތުން ކަމަށެވެ.