މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް އަންހެނަކު މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި ސާހިލް އަލީގެ މައްޗަށް ދެ ދައުވާއެއް ސާބިތުވެ، ތިން އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމްގެ އިސްތިއުނާފު ބަލައިނުގަންނަން ހައި ކޯޓުން ނިންމައިފި އެވެ.
2022 ވަނަ އަހަރުގެ އޮގަސްޓޫ މަހުގައި މާލޭގެ ގެއެއްގެ ތެރޭގައި ފުވައްމުލަކު، 22 އަހަރުގެ ޒުވާނެއް ކަމަށްވާ ޝިއާއު މަރާލުމަށް ފަހު، އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިނުމުގެ ތުހުމަތުގައި ފ. ނިލަންދޫ ފިނިފެންމާގޭ، ސާހިލްގެ މައްޗަށް ފަސް ދައުވާއެއް ކުރާއިރު، އެ ދައުވާތަކުގެ ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރު ކޮށްގެން ކަމަށްވީ އިރު، އެ މައްސަލާގައި ސާހިލްގެ މައްޗަށް ކުރާ ފަސް ދައުވާއަކީ ކޮބައިކަން ވެސް އޮތީ ސިއްރު ކޮށްފަ އެވެ.
އެހެން ނަމަވެސް، ދެ ދައުވާއެއް ސާބިތުވާތީ، އޭނާ ތިން އަހަރާއި އެއް މަހާއި ހަ ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. ކްރިމިނަލް ކޯޓުން ސާހިލްގެ މައްޗަށް އުފުލާފައިވާ ދައުވާ ސިއްރު ކޮށްފައިވީ އިރު، ހައި ކޯޓުގެ ރަޖިސްޓްރީ ދައްކާ ގޮތުން އޭނާގެ މައްޗަށް ސާބިތުވެފައިވަނީ މަސްތުވާތަކެތީގެ މައްްސަލައަކާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއެއް ކަން ޔަގީންވެ އެވެ.
އެގޮތުން އެ މައްސަލަ އިސްތިއުނާފު ކުރަން މީގެ ކުރިން ވެސް ސާހިލް ހުށަހެޅި ނަމަވެސް ލިޔުންތަކުގެ މައްސަލާގައި އޭރު މައްސަލަ ބަލައިގަނެފައި ނުވާތީ އަލުން މައްސަލަ އިސްތިއުނާފު ކުރަން ސާހިލް ހުށަހެޅީ މި މަހުގެ 23 ވަނަ ދުވަހު އެވެ. އަދި ދަށު ކޯޓުގެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފަށް ކުރަން ފުދޭ ހާލަތެއް ބަޔާންކޮށްފައި ނުވަ ކަމަށް ބުނެ، ސާހިލް ހުށަހެޅި ދެ މައްސަލަ ވެސް ބަލައިނުގަތުމަށް ހައި ކޯޓުގެ ރަޖިސްޓްރާ ވަނީ ނިންމަވައިފަ އެވެ.
ސާހިލަށް ކުރާ ބާކީ ހުރި ދައުވާތަކުގެ ހުކުމްތައް މިހާތަނަށް އިއްވާފައެއް ނުވެއެވެ. އެ ދައުވާތަކުގެ ޝަރީއަތް ނިމިފައިވާއިރު ދެން އޮތީ ހުލާސާ ބަޔާން އިއްވުން ކަމަށްވީ އިރު އެކަމަށް މިދިޔަ ހަފުތާގައި ބޭއްވި އަޑުއެހުން ވެސް ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކެންސަލްކުރި އެވެ.
ސާހިލަށް ދައުލަތުގެ ހަރަދުގައި ވަކީލަކު ހަމަޖައްސައިދިން ނަމަވެސް، ވަކީލުންނަށް އޭނާ އެއްބާރުލުން ނުދޭތީ އޭނާ އަށް އިތުރަށް ދައުލަތުގެ ހަރަދުގައި ވަކީލުން ހަމަޖައްސައި ނުދޭން އެޓާނީ ޖެނެރަލްގެ އޮފީހުން ނިންމާފައިވާ ކަމަށް ކޯޓުން ކުރިން ބުނެފައިވެ އެވެ.