ލޭގެ ބޮޑުތަކުރުފާނު މަގުގައި ޒަމާނީ ފެންވަރަށް ފަހުން ތަރައްގީ ކުރި ސަރަހައްދު އާންމުކޮށް ހުޅުވާލައިފިއެވެ.

އެ މަސައްކަތް ކުރި އެމްޓީސީސީން ބުނީ އެންމެ ޒަމާނީ ފެންވަރަށް އަދި ވަރަށް ޗާލުކޮށް ހަދާފައިވާ އެ މަގުގެ ހެންވޭރު ޓާމިނަލުން ފެށިގެން އެމްއެމްއެމްއޭއާ ހަމައަށް ހެދި ބައި މިއަދު ހަވީރު އާންމުންނަށް ހުޅުވާލި ނަމަވެސް ކުދިކުދި ބައެއް މަސައްކަތްތައް އަދި ކުރަންޖެހޭ ކަމަށެވެ. އޭގެ ތެރޭގައި އެއްގަމު ތޮށީގެ ސިޑިތަކުގައި ރެއިލިން ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ސަރުކާރުން ފަށާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އެ މަގުގައި މިހާތަނަށް 3،100 އަށް ވުރެ ގިނަ ގަސް އިންދާފައިވާ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

ބޮޑުތަކުރުފާނު މަގުގެ އަލަށް ހެދި ބައި ތަރައްގީކޮށްފައިވަނީ ފަޅުތެރެއިން ބައެއް ހިއްކައިގެން މަގު ފުޅާކުރުމަށްފަހު ތާރު އަޅައިގެންނެވެ. މި މަސައްކަތް ފަށާފައިވަނީ މީގެ ތިން މަހެއްހާ ދުވަސް ކުރިންނެވެ.

މަގުގެ މި ސަރަހައްދުގައި ޕާކްކުރުން މަނާކޮށްފައިވާއިރު، ބޭންކް އޮފް މޯލްޑިވްސް ކުރިމަތީގައި 500 ސައިކަލުގެ ޖާގައިގެ ޕާކިންގ ޒޯނެއްވެސް ވަނީ ޒޯނެއް ވަނީ ހަދައިފައެވެ. ބޮޑުތަކުރުފާނު މަގު ފުޅާކޮށް އަލުން ތަރައްގީކުރުމުގެ މަޝްރޫއު ސަރުކާރުން ފެށީ މިދިޔަ އޮގަސްޓު މަހުއެވެ. އެ މަޝްރޫޢު ކުރިއަށް ދަނީ ފަސް ސެގްމަންޓަކަށް ބަހާލައިގެންނެވެ.

ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 830 މީޓަރުގެ މަގެއް ތާރު އަޅައިގެން ތަރައްގީކޮށް 737 މީޓަރުގެ ޝީޓް ޕައިލިން އާއި ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމަށް ހަމަޖެހިފައި ވެއެވެ.

މި މަޝްރޫއަކީ 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުއެކެވެ.