މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި ދައުލަތަށް ލިބުނު ހިލޭ އެހީ 200 އިންސައްތަ އިތުރުވެއްޖެ އެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ މި އަހަރުގެ މެއި މަހުގެ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން، ޓެކްސް ނޫން އާމްދަނީ އާއި އެހީގެ ގިންތީގެ ކުރިއެރުމުގެ މައިގަނޑު ސަބަބަކީ މިއީއެވެ.

މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް ދައުލަތަށް ހިލޭ އެހީގެ ގޮތުގައި 394.1 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 128 މިލިއަން ރުފިޔާއާ އަޅައި ބަލާއިރު 207.89 އިންސައްތައިގެ ކުރިއެރުމެއް ކަމަށްވީ އިރު، މި ކުރިއެރުން އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ މެއި މަހުގައި ކަމަށާއި، އެގޮތުން، މިދިޔަ އަހަރުގެ މެއި މަހު ހިލޭ އެހީގެ ގޮތުގައި 28.2 މިލިއަން ރުފިޔާ ލިބުނުއިރު، މި އަހަރުގެ މެއި މަހު އެ އަދަދު ވަނީ 907.80 އިންސައްތަ އިތުރުވެ، 284.2 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި ލިބުނު ހިލޭ އެހީގެ ޖުމްލަ އަދަދު ވަނީ، މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި 373.6 މިލިއަން ރުފިޔާއަށްވުރެ އިތުރުވެފައެވެ.

މީގެ އިތުރުން، މި މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ ވަނީ 10.80 އިންސައްތަ އިތުރުވެފައެވެ. މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަހު 17,132.8 މިލިއަން ރުފިޔާ ލިބުނުއިރު، މި އަހަރުގެ އެ މުއްދަތުގައި 18,982.7 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މިއީ މުޅި އަހަރަށް ލަފާކޮށްފައިވާ 40,374.5 މިލިއަން ރުފިޔާގެ އާމްދަނީއާ ދިމާއަށް ދާކަން އަންގައިދޭ ކަމެއް ކަނަސް ތަފާސްހިސާބުތަކުން ދައްކަ އެވެ. މެއި މަހުގެ ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 2,812 މިލިއަން ރުފިޔާއިން 2,835.1 މިލިއަން ރުފިޔާއަށް (0.82 އިންސައްތަ) އިތުރުވެފައިވާ އިރު ދައުލަތުގެ މާލިއްޔަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓެކްސްގެ ގޮތުގައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ފުރަތަމަ ފަސް މަހު ޓެކްސް އާމްދަނީ ވަނީ 12.86 އިންސައްތަ އިތުރުވެ، 13,064.5 މިލިއަން ރުފިޔާއިން 14,744.4 މިލިއަން ރުފިޔާއަށް އަރާފައެވެ. މުޅި އަހަރަށް ޓެކްސް އާމްދަނީގެ ގޮތުގައި ލަފާކޮށްފައިވަނީ 31,297.1 މިލިއަން ރުފިޔާ ކަމަށްވީ ނަމަވެސް، މެއި މަހުގެ ޓެކްސް އާމްދަނީ ވަނީ 10.55 އިންސައްތަ ދަށަށް ގޮސްފައެވެ. އެއީ މިދިޔަ އަހަރުގެ މެއި މަހު ލިބުނު 2,171.5 މިލިއަން ރުފިޔާއާ އަޅައި ބަލާއިރު، މި އަހަރުގެ މެއި މަހު ލިބުނު 1,942.3 މިލިއަން ރުފިޔާއެވެ.

ހަމަމިއާއެކު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މި އަހަރުގެ ފުރަތަމަ ފަސް މަހު ލިބުނު އަދަދު ވަނީ 2.44 އިންސައްތަ ދަށަށް ގޮސްފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި 3,939.6 މިލިއަން ރުފިޔާ ލިބުނުއިރު، މި އަހަރު ލިބިފައިވަނީ 3,843.4 މިލިއަން ރުފިޔާއެވެ. މިއަހަރަށް ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލަފާކޮށްފައިވަނީ 8,702.3 މިލިއަން ރުފިޔާއެވެ. މެއި މަހުގެ ޓެކްސް ނޫން އާމްދަނީ ވެސް ވަނީ 612.2 މިލިއަން ރުފިޔާއިން 608.5 މިލިއަން ރުފިޔާއަށް (0.60 އިންސައްތަ) ދަށަށް ގޮސްފައެވެ.

މީގެ އިތުރުން، ކެޕިޓަލް ރިސީޕްޓްސްގެ ގޮތުގައި ފުރަތަމަ ފަސް މަހު ލިބުނު އަދަދު ވަނީ 0.7 މިލިއަން ރުފިޔާއިން 0.9 މިލިއަން ރުފިޔާއަށް (28.57 އިންސައްތަ) އިތުރުވެފައެވެ. މުޅި އަހަރަށް ލަފާކޮށްފައިވަނީ 1.6 މިލިއަން ރުފިޔާއެވެ. މެއި މަހުގެ ކެޕިޓަލް ރިސީޕްޓްސް ވަނީ ދެ އަހަރު ވެސް 0.1 މިލިއަން ރުފިޔާގައި ހިފެހެއްޓިފައެވެ.

އާމްދަނީ އިތުރުވެފައިވާއިރު، ދައުލަތުގެ ބަޖެޓުން ކުރި ހަރަދު ވެސް ވަނީ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުވެފައެވެ.