މާލެ ކޮމާޝަލް ހާބަރު މެދުވެރިކޮށް ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި 5.6 މިލިއަން ދިވެހި ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
މިކަންހާމަކޮށްފައި ވަނީ މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ކަސްޓަމްސް އިން ބުނީ ކަނޑުމަގުން ރާއްޖެއެތެރެކުރަން އުޅުނު 3110 ގްރާމްގެ މަސްތުވާތަކެތި އިއްޔެ ކަސްޓަމްސްއިން އަތުލައިގެންފައިވާ ކަމަށެވެ.
އަތުލައިގަނެވުނު ތަކެތީގެ މަގުމަތީ އަގު 5.6 މިލިއަން ދިވެހި ރުފިޔާއަށްވުރެ އިތުރު ކަމަށްވެސް ކަސްޓަމްސްއިން ބުނެފައި ވެއެވެ.
ކަސްޓަމްސް އިން ބުނީ އަތުލައިގަނެވުނު މަސްތުވާތަކެތި ތަހުލީލު ކުރިއިރު، އެ ތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯން އަށް ޕޮޒިޓިވް ވެފައި ކަމަށެވެ.
މިދިޔަ ހޮނިހުރުދުވަހުވެސް ކަސްޓަމްސްއިން ވަނީ އިންޑިއާއިން ރާއްޖެއައި ދެ މީހަކު ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 5.5 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައެވެ.
މީގެ އިތުރުން ބެންގަލޫރުން ރާއްޖެއަށް ދަތުރުކުރި އިންޑިއާ ބައެއްގެ ލަގެޖްތަކުގައި އިތުރު ފޫތަކެއް އަޅައި އޭގެ ދަށުގައި ފޮރުވައިގެން 8.3 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއް ވެސް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ. އެ މައްސަލައިގައި ދިވެހިންވެސް ހިމެނޭގޮތަށް މިހާތަނަށް ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.