ތަރައްޤީއާއި އެއްބައިވަންތަކަން ބިނާވެގެންވަނީ ޢަދުލުއިންޞާފުގެ މައްޗަށް ކަމަށް މިއަދުގެ ހުކުރު ޙުތުބާގައި ބުނެފި އެވެ.
މިއަދުގެ ޙުތުބާގައި މަސްއޫލިއްޔަތު އަދާކުރުމުގައި ޒިންމާދާރުވުމަށް އަލިއަޅުވާލާފައި ވާ އިރު، ޙުތުބާގައި ވަނީ އިސްލާމީ މުޖުތަމަޢުގެ ހުރިހައި ކަމެއް ވެސް ބިނާވެގެން ވަނީ މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުމާއި ޢަދުލުއިންޞާފުގެ މައްޗަށްކަމަށް ބުނެފަ އެވެ. ހަމަ އެ ފަދައިން ތަރައްޤީއާއި އެއްބައިވަންތަކަން ބިނާވެގެންވަނީ ވެސް ޢަދުލުއިންޞާފުގެ މައްޗަށް ކަމަށް ޙުތުބާގައި ބުނެ އެވެ.
ޙުތުބާގައި ބުނީ، އަދުލުއިންޞާފުގެ ކުރިމަތީގައި އެންމެންނީ ހަމަހަމަ ބައެއް ކަމަށާއި ކުށެއް ކޮށްފި ނަމަ ކޮންމެ މީހަކަށް ވެސް ޙައްޤު އަދަބު ލިބޭން ޖެހޭނެ ކަމަށެވެ. އަދި މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ރައްކާތެރިކޮށް ދެމެހެއްޓޭނީ، އެ މުޖުތަމަޢުގެ ކަންކަމާ ހަވާލުވެތިބޭ މީހުން އިޚުލާޞްތެރިކަމާއި ޒިންމާދާރުކަމާ އެކު އެބައިމީހުންގެ މަސްއޫލިއްޔަތު އަދާކޮށްގެން ކަމަށްވެސް ޙުތުބާގައި ބުނެފައިވެ އެވެ.
ޙުތުބާގައި އިތުރަށް ބުނީ، ކޮންމެ މީހަކު ވެސް، އަދާކުރަމުންދާ ވަޒީފާއާއި މަސްއޫލިއްޔަތަކީ އަމާނާތެއް ކަމަށެވެ.
މީގެ އިތުރުން، ތެދުވެރިކަމާއި އަމާނާތްތެރިކަމަކީ، އަހަރެމެންގެ އީމާންކަމާ ގުޅިފައިވާ ސިފަތަކެއް ކަން ފާހަގަކޮށް ހުތުބާގައި ބުނީ، ތިމާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު އަދާކުރުމަކީ މުއުމިނުންގެ ސިފައެއް ކަމަށް ބުނެފަ އެވެ.
ޙުތުބާގައި ވަނީ، އަމާނަތްތަކަށް، އެނގިއެނގިތިބެ ޚިޔާނަތްތެރި ނުވުމަށް އިލްތިމާސް ކޮށްފަ އެވެ.