ބޮންޑުގެ މައްސަލައިގައި އަނެއްކާވެސް ޕެންޝަން އޮފީހުގެ މުވައްޒަފުން އިސްތިއުފާ ދިނުމަކީ ކަންބޮޑުވުމެއް ކަމަށް ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ފައިސަލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބޮންޑު މުއާމަލާތުގެ މައްސަލައިގައި ޕެންޝަން އޮފީހުގެ ބައެއް ބޭފުޅުން މީގެ ކުރިން ވެސް އިސްތިއުފާ ދެއްވާފައި ވަނިކޮށް، އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ޕެންޝަން އޮފީހުގެ ބައެއް ބޭފުޅުން އަނެއްކާ ވެސް އިސްތިއުފާ ދެއްވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
މިއީ ސަރުކާރުން ފައިސާ ޗާޕު ކުރުމުގެ މުއަމަލާތް ކުރިއަށް ގެންދަން ކުރާ މަސައްކަތާމެދު މާލީ ދާއިރާގެ އެތައް ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުން އަންނަ ވަގުތެއްކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ، ސަރުކާރުން މިކަމާ މެދު ފުންކޮށް ވިސްނާލަން ޖެހޭ ކަމަށާއި، އިނދަ ޖެހެމުންދާ އިގްތިސޯދު ނަގާ ކޮޅަށް ޖެހުމަށްޓަކައި، ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދު ހޯދަން ޖެހޭ ކަމަށެވެ.
ފައިސަލް ވިދާޅުވީ، ދުވަހެއް ދުވަހަކަށް ގައުމުގެ އިގްތިސޯދީ ހާލަތު ގޯސްވަމުންދާއިރު، 2.4 ބިލިއަން ރުފިޔާ ޗާޕު ކުރުމުން ޑޮލަރުގެ އަގު މިހާރަށް ވުރެ ވެސް މަތިވެ، މުދަލުގެ އަގު އިންތިހާ އަށް އުފުލި، އާންމު ރައްޔިތުންނަށް އެތައް ތަކުލީފެއް ދިމާވާނެ ކަމަށެވެ.
މިކަހަލަ ކަންކަން ކުރުމުގެ ބަދަލުގައި ގައުމުގެ އިގްތިސޯދު ރަނގަޅު ކުރުމަށް ވިސްނުންތެރިކަމާއި ހަމަ ބުއްދި އިސްކުރުމަށް ފައިސަލް ވަނީ ގޮވާލައްވާފަ އެވެ.