މި ސަރުކާރުގައި މުވައްޒަފުންނަށް މުސާރަދޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ކެންދޫދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި ޖޮބް ބުރާސްފަތި ޕެނަލް މަޝްވަރާގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ މި ސަރުކާރުން ލޯނު އަދި ބޮޑު ސުކޫކެއް ދައްކާފައިވީ ނަމަވެސް މާދަމާވެސް މުވައްޒަފުންނަށް މުސާރަ ދޭނެ ހަމަ އެއްވެސް ގޮތެއް ނެތް ކަމަށެވެ.

މައުރޫފް ވިދާޅުވީ މުސާރަދީ ނިންމާފައި ސަރުކާރުން ކުރާ ކަމަކީ އަނެއްކާ ދެން އަންނަ މަހު މުސާރަ ދޭނެ ގޮތެއް ހޯދުން ކަމަށެވެ. އަދި ޑޮލަރުގެ އަގު އިތުރަށް މަތިވާނެ ކަމަށްވެސް މައުރޫފް ވަނީ ވިދާޅުވެފަ އެވެ.

އަޅުގަނޑުމެންނަށް މިއަދު އެނގޭ ވާހަކަ އަކީ، ޕެންޝަން ފަންޑުގަ ހުރި ލާރި ކޮޅު ނަގަިގެންނޭ މިއަންނަ މަހު މުސާރަ ދެވޭނީ އެ ލާރިކޮޅު މިއަދު ވަގަށް ނަގައިފި އޭ، އެ ނަގާ އެ ފައިސާ އަނެއްކާ މާކެޓަށް ނެރެނީ، ނެރުނީމަ އަނެއްކާވެސް ދިވެހި ރުފިޔާ އިތުރުވެ ޑޮލަރު ފަހާދުވާ ފައިސާ އިތުރުވަނީ"

ކެންދޫދާއިރާގެ މެމްބަރު މައުރޫފް ޒާކިރު

މައުރޫފް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ބޭރުގެ އެހީތެރިކަން ވަރަށް ބޮޑަށް ހޯދާފައިވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން ފެނިގެންދަނީ، ބޭރުގެ އެއްވެސް އެހީތެރިކަމެއް ނުލިބޭ މަންޒަރު ކަމަށް މައުރޫފް ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވީ، ދުނިޔޭގެ ބޮޑެތި މާލީ އިދާރާތައް ކަމަށްވާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އާއި ވޯލްޑް ބޭންކު ފަދަ ތަންތަނުން ރާއްޖޭގެ އިގުތިސޯދު ހިނގަމުންދާ ގޮތާއި ހަރަދު ކުޑަކުރަން ސަރުކާރުން ކުރަނީ ކީއްތޯ ގާތުން ބަލަމުން އަންނަ ކަމަށެވެ. އެހެންކަމުން ސަރުކާރުން ހަރަދު ކުޑަކުރާކަން ދެއްކުމަށްޓަކައި މުވައްޒަފުން މަދުކުރާ ކަމަށް ބުނެ އިއުލާނުތައް ނެރުން އެކަށީގެންވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ކޮންމެސް ވަރަކަށް ރަށްރަށުގަ މުވައްޒަފުން އެބަ މަދު ކުރޭ، ހެނދުނު ވަޒީފާއިން ވަކި ކުރޭ އަނެއްކާ ޕީއެންސީ މީހުން ނިކުމެ ހަޅޭލަވާގަތީމާ މެންދުރުފަހު ވަޒީފާ އަލުން އަނބުރާ އެބަ އިއާދަކުރޭ، ޕްލޭނެއް ނެތް، ރައީސް މުއިއްޒު އަންގަވާ ގޮތަކަށް ކަންތައް ކުރަމުން ދަނީ ކުންފުނި ތަކުގެ އެމްޑީން"

ކެންދޫދާއިރާގެ މެމްބަރު މައުރޫފް ޒާކިރު

މައުރޫފް ވިދާޅުވީ މުވައްޒަފަކު ރިޑަންޑަންޓު ކުރުމަށް އުސޫލުތަކެއް ކަނޑައެޅިފައިވާ ކަމަށެވެ. އަދި އެންމެ ބޮޑު ކަންބޮޑުވުމަކީ އެމްޑީޕީ ފިކުރުގަ، އެމްޑީޕީއަށް ތާއީދުކުރާ، އެމްޑީޕީގެ ހަރަކާތްތަކުގައި ބައިވެރިވާ މުވައްޒަފުން އޮޓަމެޓިކަލީ ރިޑަންޑަންސީ އަށް ފޯލް ވާ ސަބަބު ކަމަށެވެ.

މީގެ އިތުރުން ތަޖުރިބާކަރު މީހުން ކަނޑާލަނީ ގާނޫނާ ގަވައިދާ ހިލާފަށް ކަމަށްވެސް މައުރޫފް ވަނީ ތުހުމަތު ކުރައްވާފަ އެވެ.