ސްޕެޝަލިސްޓް ތަމްރީނު ފުރިހަމަކޮށް މި އަހަރުގެ މިހާތަނަށް 16 ދިވެހި ޑޮކްޓަރަކު އައިޖީއެމްއެޗް އާއި ދަރުމަވަންތަ ހޮސްޕިޓަލާ ގުޅިއްޖެ އެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަށް މުޅިން އަލަށް ތައާރަފުވާ ބައެއް ދާއިރާތަކުން ތަމްރީނުވި ސްޕެޝަލިސްޓުންނާއި ސަބް-ސްޕެޝަލިސްޓުން ހިމެނިވަޑައިގަންނަވާ ކަމަށެވެ.

އޭގެ ތެރޭގައި ނިއުރޯ އިންޓަވެންޝަނަލް ރޭޑިއޮލޮޖީ، ޕީޑިއަޓްރިކް ޑެންޓިސްޓްރީ، ނިއޯނަޓޮލޮޖީ އަދި ކްލިނިކަލް ހެމަޓޮލޮޖީ ހިމެނޭ ކަމަށެވެ. އަދި ކަށީގެ ބަލިތައް، އެތެރެހަށި، ނިއުރޮލޮޖީ، ރޭޑިއޮލޮޖީ، އީއެންޓީ، ގެސްޓްރޯއެންޓްރޮލޮޖީ، ޕްލާސްޓިކް ސާޖަރީ، ވެސްކިޔުލަ ސާޖަރީ އަދި ޕަލްމޮނޮލޮޖީ ފަދަ މުހިންމު ދާއިރާތަކުން އިތުރު ޑޮކްޓަރުން ހިދުމަތާ މިހާރު ގުޅިވަޑައިގެންފައިވާ ކަމަށް ރައްޒާގު ވިދާޅުވިއެވެ.

ރައްޒާގު ވިދާޅުވީ މިީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޞިއްޙީ ދާއިރާ ހަރުދަނާ ކުރެއްވުމަށާއި، ރައްޔިތުންނާ ގާތުން ފެންވަރު ރަނގަޅު ޚިދުމަތްތައް ފޯރުކޮށްދެއްވުމަށް ކަނޑައަޅުއްވާފައިވާ ތަސައްވުރާ އެއްގޮތަށް، ކާޑިއޯތޮރެސިކް އެންޑް ވެސްކިޔުލަރ ސާޖަރީ، އިންޓަރވެންޝަނަލް ރޭޑިއޮލޮޖީގެ ޚިދުމަތް ތަޢާރަފް ކުރުމާއި ހިތުގެ ފަރުވާއާއި ނާރުގެ ފަރުވާ އިތުރަށް ފުޅާކުރުމަށްޓަކައި ޒަމާނީ ޚިދުމަތްތައް އިރާދަކުރެވިއްޔާ މިއަހަރު ފެށިގެންދާނެ ކަމަށެވެ.

މިއީ ޞިއްޙީ ފަރުވާއަށް ރާއްޖެއިން ބޭރަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަން ރައްޒާގު ވަނީ ފާހަގަކުރައްވާފައެވެ.

ރައްޒާގުވަނީ ހޮސްޕިޓަލްތަކަށް އަންނަ ރައްޔިތުންނަށް މިހާރަށްވުރެ ބޮޑަށް އަޅާލުމާއި ހިތްހެޔޮކަމާއި އޯގާތެރިކަމާއެކު ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދެއްވުމަށް އިތުރަށް މަސައްކަތް ކޮށްދެއްވުމަށް އިލްތިމާސްކުރައްވާފަ އެވެ.