އިންޑިއާގެ މެޑިކަލް ކޮލެޖުތަކަށް ވަނުމަށް ހަދާ އިމްތިޙާނު ޕޭޕަރު ލީކުވުމުގެ މައްސަލައާ ގުޅިގެން 26 ދުވަހު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންދިޔަ އެ ގައުމުގެ މަޝްހޫރު އެކްޓިވިސްޓް ސޯނަމް ވާންގްޗުކް، ހަޅުތާލު ނިންމާލައިފިއެވެ.

ވާންގްޗުކް ހަޅުތާލު ހުއްޓާލީ ބޮޑު ވަޒީރު މޯދީގެ ކެބިނެޓުގެ އެންމެ އިސް ދެ ވަޒީރުންގެ ހާޒިރުގައެވެ.

އުމުރުން 59 އަހަރުގެ ވަންގްޗުކް މި ހަޅުތާލު ފެށީ ޖޫން މަހުގެ 28 ވަނަ ދުވަހުއެވެ. އޭނާ ހަޅުތާލުކުރަމުން ދިޔައީ ޒުވާނުން އިސްވެ ހިންގާ ކޮކްރޯޗު ޖަންތާ ޕާޓީ (ސީޖޭޕީ)އަށް ތާއީދުކުރުމުގެ ގޮތުންނެވެ.

ރިޕޯޓުތައް ބުނާގޮތުން އެކި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ 65 މެންބަރަކު ވަނީ ހަޅުތާލު ނިންމާލުމަށް އެދި އޭނާއާ ބައްދަލުކޮށް، ސިޓީ ފޮނުވާފައެވެ.

ޕޭޕަރު ލީކުވި މައްސަލައިގައި މުޒާހަރާގެ ބައިވެރިން ގޮވާލަމުންދަނީ އިންޑިއާގެ ތައުލީމާ ބެހޭ ވަޒީރު ދަރުމެންދުރަ ޕްރަދާން މަގާމުން އިސްތިއުފާ ދެއްވުމަށެވެ.

މި މައްސަލަ ބޮޑުވެ، ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ސަރުކާރާ ދެކޮޅަށް ޒުވާނުން އިސްވެ ތިބެ ޤައުމުގެ އެކި ކަންކޮޅުތަކުގައި ވަނީ ބޮޑެތި މުޒާހަރާތަކެއް ފަށާފައެވެ.

ހޮސްޕިޓަލް އެނދުގައި އޮވެ ވީޑިއޯ މެދުވެރިކޮށް ވާހަކަދައްކަމުން ވާންގްޗުކް ބުނީ، އިމްތިޙާނު ނިޒާމު ފެއިލްވުމުގެ ޒިންމާ ނުނަގާ މައްސަލަ އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގައި (ޕާލަމެންޓުގައި) މަޝްވަރާކުރާނެ ކަމުގެ ޔަޤީންކަން ސަރުކާރުން ދީފައިވާ ކަމަށެވެ.

މީގެ އިތުރުން، ޕޭޕަރު ލީކުވުމުގެ ސަބަބުން ފުރާނަ ގެއްލުނު ކުދިންގެ ޢާއިލާތަކަށް އެކަށީގެންވާ ބަދަލެއް ދިނުމަށާއި، ހޯމަ ދުވަހު ދިއްލީގައި ކުރިއަށްދިޔަ މުޒާހަރާތަކުގައި ބައިވެރިވި ދަރިވަރުންނާއި ޒުވާނުންގެ މައްޗަށް އެއްވެސް ދަޢުވާއެއް ނުކުރާނެ ކަމަށްވެސް ސަރުކާރުން ވަނީ ވަޢުދުވެފައި ކަމަށެވެ.

ހަމައެކަނި ލޮނާއި ފެން ބޮއިގެން 26 ދުވަހު ކާއެއްޗެއް ނުކައި ވާންގްޗުކް ކުރިއަށްގެންދިޔަ ހަޅުތާލުގެ ސަބަބުން 11 ކިލޯ ލުއިވެ، އޭނާ ވަރަށް ބޮޑަށް ބަލިކަށިވެފައި ވީނަމަވެސް، އޭނާ ހުރީ ވަރަށް ހިތްވަރުގަދަކޮށް ކަމަށް ރިޕޯޓުތައް ބުނެއެވެ. އިންޑިއާގެ މިނިވަންކަމަށް މަހާތްމާ ގާނދީ ކުރެއްވި މަސައްކަތުގައި 21 ދުވަހު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރައްވާފައިވާއިރު، ވާންގްޗުކްގެ މި ހަޅުތާލަކީ އޭގެ ފަހުން އިންޑިއާގައި ފެނުނު އެންމެ ދިގު އެއް ހަޅުތާލެވެ.

ވާންގްޗުކް ހަޅުތާލު ނިންމަވާލެއްވުމާ ގުޅިގެން ބޮޑުވަޒީރު މޯދީ ވަނީ، ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް އަމަލުކޮށް، ގެއްލުނު ބަރުދަން އަލުން އިޔާދަކުރުމަށް ވާންގްޗުކަށް ގޮވާލައްވާފައެވެ.

"ކޮކްރޯޗް ޖަނަތާ ޕާޓީ" (ސީ.ޖޭ.ޕީ) ގެ ނަމުގައި އުފެދިފައިވާ ޒުވާނުންގެ ޙަރަކާތުން ވަނީ ވާންގްޗުކަށް އެއްބާރުލުން ދިނުމުގެ ގޮތުން މުޅި ޤައުމުގައި މުޒާހަރާ ކުރުމަށް ގޮވާލާފައެވެ. ހޯމަ ދުވަހު ޕާލަމެންޓަށް ކުރި މުޒާހަރާގައި ފުލުހުން އަނިޔާކުރިކަމަށް ބުނެ، ޒުވާނުންވަނީ ބެންގަލޫރު، ރާންޗީ، ޕޫނޭ، ތިރުވަނަންތަޕޫރަމް އަދި ކޮލްކަޓާގައި މުޒާހަރާކޮށްފައެވެ. އަދި މުމްބާއީން ސަތޭކައަށްވުރެ ގިނަ ދަރިވަރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

މި ހަރަކާތުގެ ބާނީ އަބްޖީތު ދިޕްކޭ ބުނޫ މިނިސްޓަރު ދަރްމެންދްރަ ވަޒީފާއިން ވަކިކުރެވެންދެން މުޒާހަރާތައް ހުއްޓާނުލާނެ ކަމަށެވެ. މެއި މަހު ޕޭޕަރު ލީކުވުމުގެ ސަބަބުން ދެ މިލިއަނަށްވުރެ ގިނަ ދަރިވަރުންނަށް އޭގެ އަސަރުކޮށްފައިވާއިރު، މިއާ ގުޅުންހުރި ބައެއް ޙާދިސާތަކުގައި ދަރިވަރުން އަމިއްލައަށް މަރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

މިނިސްޓަރު ދަރްމެންދްރަ ޕްރަދާން ވިދާޅުވީ، ސަރުކާރުން މި މައްސަލަތައް ޙައްލުކޮށް އިމްތިޙާނުގެ ނިޒާމު އިސްލާޙު ކުރުމަށް ފުރިހަމައަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

މިއީ 2014 ވަނަ އަހަރު މޯދީ ވެރިކަމަށް ވަޑައިގެންނެވި ފަހުން، ޒުވާނުންގެ ފަރާތުން ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ. އިދިކޮޅު ޕާޓީތަކުންވެސް ވަނީ ޒުވާނުންގެ މި ޑިމާންޑްތަކަށް ތާއީދުކޮށް، ޕާލަމެންޓުގެ މަސައްކަތްތަކަށް ހުރަސްއަޅާފައެވެ.

މުޒާހަރާތައް ހުއްޓުވުމުގެ ގޮތުން ދިއްލީގެ 16 މެޓްރޯ ސްޓޭޝަން ބަންދުކޮށް، މުޒާހަރާ ކުރާ ސަރަޙައްދުގެ މޮބައިލް އިންޓަނެޓް ޚިދުމަތް ކަނޑާލުމަށް ސަރުކާރުން ވަނީ އަންގާފައެވެ.

މީގެ ސަބަބުން އާންމު ރައްޔިތުންނަށާއި ވިޔަފާރިތަކަށް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައެވެ.

މިކަމާ ގުޅިގެން ބޮޑުވަޒީރު މޯދީ ބުރާސްފަތި ދުވަހު ވިދާޅުވީ، އިމްތިޙާނު ޕޭޕަރު ލީކުކުރާ ފަރާތްތަކުގެ މައްސަލަތައް ބެލުމަށް ޚާއްޞަ ކޯޓުތަކެއް ޤާއިމުކުރާނެ ކަމަށެވެ. ނަމަވެސް ސީ.ޖޭ.ޕީ އިން ވަނީ މައްސަލަ ހައްލުކުރުމަށްވުރެ މުހިންމީ ޕޭޕަރު ލީކުވުން ހުއްޓުވުން ކަމަށް ބުނެ ފާޑުކިޔާފައެވެ.

މި މައްސަލައާ ގުޅޭގޮތުން ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ސަލްމާން ޚާން، ޢާލިއާ ބަޓް އަދި ކަރީނާ ކަޕޫރު ފަދަ ތަރިންވެސް ވަނީ ދަރިވަރުންގެ ޙައްޤުގައި ކުރަމުންދާ މަސައްކަތަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކޮށްފައެވެ.