މިހާރު ޒުވާނުންނަށް އާމްދަނީ ހޯދޭނެ އެއްވެސް ފުރުސަތެއް ނެތް ކަމަށް އެމްޑީޕީގެ އަންހެންގެ ރޫހުގެ ނައިބުރައީސް މަރިޔަމް އީމާ ޝަފީގް ވިދާޅުވެއްޖެ އެވެ.
ރޭ ބޭއްވި ޖޮބް ބުރާސްފަތި ޕެނަލް މަޝްވަރާގައި ވާހަކަދައްކަވަމުން އީމާ ވިދާޅުވީ، މިހާރު ކުދި އަދި މެދުފަންތީގެ ވިޔަފަރިތަކަށް ބަލާލާ އިރު، ޒުވާނުންނަށް ވިޔަފާރި ކުރުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށެވެ. އަދި އާމްދަނީ ހޯދޭނެ ގޮތެއްވެސް ނެތް ކަމަށް އީމާ ވަނީ ވިދާޅުވެފަ އެވެ.
އީމާ ވިދާޅުވީ، މިހާރު ދިވެހި ޒުވާނުންނަށް ލިބެން އޮތް ފުރުސަތުތަށް ވަރަށް މަދު ކަމަށެވެ. އަދި ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާ ކަންވެސް އީމާ ވަނީ ފާހަގަކުރައްވާފަ އެވެ.
އީމާ އިތުރަށް ވިދާޅުވީ ރައީސް މުއިއްޒުއަށް ކުދި ކުދި ކަން ކަން ކުރެވޭނެ ކަމަށްވެސް އުންމީދެއް ނެތްކަމަށެވެ.
ސަބަބަކީ 3 އަހަރުތެރޭގައި އެއްވެސް ޕްލޭނެއް ރާވާލާފައި ނުވުން ކަމަށް އީމާ ބުނެފައިވާ އިރު، ކުރީގެ ޑެޕިއުޓީ އިކޮނޮމިކް މިނިސްޓްރު ރިޔާޒް މަންސޫރުވެސް ވަނީ އެ ޕެނަލްގައި ވާހަކަދައްވައި، ރައީސް މުއިއްޒު ޕްލޭނެއް އެކުލަވާލަން ފެނިވަޑައިގަންނަވާކަމަށް ވިދާޅުވެފަ އެވެ.
މަންސޫރު ވަނީ ކުދި ވިޔަފާރިތަކަށް ވަރަށް ބޮޑެތި ގޮންޖެހުންތަށް ދިމާވެފައިވާ ކަންވެސް ފާހަގަކުރައްވާފަ އެވެ. އަދި ސަރުކާރުން ބިލްތައް ނުދައްކާކަމަށާއި، ދަރިވަރުންނަށް ލާރި ނުދޭ ކަމަށާއި ބޭސް ނުލިބޭ ކަމަށްވެސް މަންސޫރު ވަނީ ތުހުމަތު ކުރައްވާފަ އެވެ.
ހަމަމިއާއެކު ކެންދޫދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވަނީ މިހާރު ރައްޔިތުން ތިބީ އަނގަޔާއަތާ ދިމާނުވާ ހިސާބަށް އައިސްފައި ކަން ފާހަގަކުރައްވާ ރައީސް މުއިއްޒު އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފަ އެވެ.
މައުރޫފް އިތުރަށް ވިދާޅުވީ މި ގައުމު ސަލާމަތް ކުރުމަކީ ދަރިންނަށް ފަހި މުސްތަގުބަލެއް ހޯދައިދިނުމަށް އޮތް ޒިމްމާއެއް ކަމަށެވެ.