އަންނަ ދިރާސީ އަހަރު ސަރުކާރު ސްކޫލުތަކަށް ދަރިވަރުން ވައްދަން ހުޅުވާލައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސަރުކާރު ސްކޫލުތަކުން ޖާގަ ހޯދުމަށް އެދި ހުށަހަޅާ ފޯމު އެ މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ.

އެގޮތުން ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލުތަކަށް ވެސް އަލަށް ކުދިން ވައްދާނީ އެ އޮންލައިން ފޯމު މެދުވެރިކޮށް ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

އަދި ސަރުކާރު ސްކޫލުތަކަށް ކުދިން ވެއްދުމަށްޓަކައި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އޮގަސްޓު މަހުގެ ފަހު ދުވަސް ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ ފޯމު ހުށަހަޅާއިރު ފޯމު ފުރުމަށް ބޭނުންކުރާ އީމެއިލް އެޑުރެހާއި ފޯނު ނަންބަރަކީ ބެލެނިވެރިޔާގެ އީމެއިލް އެޑުރެހާއި ފޯނު ނަންބަރުގެ ގޮތުގައި މިނިސްޓްރީގައި ރަޖިސްޓްރީކުރާނެ ކަމަށެވެ.

އަދި އެ މައުލޫމާތު ސްކޫލުތަކާ ހިއްސާކުރާނެކަމަށްވެސް މިނިސްޓްރީން ފާހަގަކުރެއެވެ.

މިއަހަރުގެ ފުރަތަމަ ޓާމުގެ ޗުއްޓީ މި މަހުގެ 16 ވަނަ ފަށާފައި ވާއިރު، ޗުއްޓީއަށްފަހު ދެވަނަ ޓާމުގެ ކިޔެވުން ފެށޭނީ އޮގަސްޓް 2ގައެވެ.

މީގެ އިތުރުން، މި އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ޑިސެންބަރު 17 ވަނަ ދުވަހު ނިމި، ދަރިވަރުންނަށް ބޮޑު ޗުއްޓީ ލިބޭނީ ޑިސެންބަރު 18އިން އަންނަ އަހަރުގެ ޖަނަވަރީ 16އާ ހަމައަށެވެ.

އަދި 2027 ވަނަ އަހަރުގެ ކިޔެވުން ފެށޭނީ ޖެނުއަރީ 17 ގަ އެވެ.

ރާއްޖޭގެ ސަރުކާރުގެ 217 ސްކޫލުގައި 81،000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނައިރު އެ ދަރިވަރުންނަށް ކިޔަވައިދިނުމަށް 9،950 ޓީޗަރުން މަސައްކަތްކުރެއެވެ.

އަދި ޕްރައިވެޓް ސްކޫލުތަކުގައި އެލްކޭޖީން ފެށިގެން ގްރޭޑް 12 އާ ހަމައަށް 13،000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވާއިރު، އޭގެ ތެރެއިން 9،000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަނީ މާލޭ ސަރަހައްދުގައެވެ.

މީގެއިތުރުން މި އަހަރު ގްރޭޑް 1އަށް ވަނުމަށް އަލަށް 4790 ދަރިވަރުންނަށް އެކި ސްކޫލްތަކުން ޖާގަ ދީފައި ވާއިރު، އޭގެ ތެރޭގައި މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް 1 އަށް 1748 ދަރިވަރުން ވައްދާފައިވެއެވެ.

އަދި އަތޮޅުތެރޭގެ ސްކޫލްތަކުންވެސް ގްރޭޑް 1 އަށް 3042 ދަރިވަރަކަށް ވަނީ ޖާގަ ދީފައެވެ.