ކުރިއަށް އޮތް ދުވަސްތަކުގައި މާލެ ސިޓީ ކައުންސިލާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރައްވައި، ކައުންސިލުން ކުރިއަށްގެންދާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ޖީ ބާލާސުބްރަމާނިއަން ވިދާޅުވެއްޖެ އެވެ.
އިންޑިއާ ސަފީރު މިހެން މިފަދައިން ވިދާޅުވީ، މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.
މާލެ ސިޓީ ކައުންސިލްގެ އިދާރާގައި ބޭއްވި މި ބައްދަލުވުމުގައި މޭޔަރު ޢާޒިމް ވަނީ މުއައްސަސާތަކުގެ ސިޔާސީ ހިންގުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ. އަދި ވޭތުވެދިޔަ ދައުރުގައި އިންޑިއާގެ ފަރާތުން ލިބުނު އެހީތެރިކަމަށްޓަކައި އާޒިމް ވަނީ ސަފީރަށް ޝުކުރު އަދާކުރައްވައިފަ އެވެ. މީގެ އިތުރުން، ދެ ފަރާތުގެ ޕާޓްނަރޝިޕްގެ ދަށުން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ތަމްރީނު ބޭނުންވާ ދާއިރާތައް ޢާޒިމް ފާހަގަކުރައްވާފައިވެ އެވެ.
މޭޔަރު ޢާޒިމް ވިދާޅުވީ މި ދައުރުގައި އެންމެ އިސްކަމެއް ދެއްވާނީ ކައުންސިލްގެ ގާބިލުކަން އިތުރުކުރުމަށާއި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ކަމަށެވެ. މިގޮތުން ކުރު މުއްދަތުގެ ވޮކޭޝަނަލް ޓްރެއިނިންގ ޕްރޮގްރާމްތަކާއި، ޑިޖިޓަލް ޕްރޮފެޝަން، އަދި ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ޕްރީ-ސްކޫލް ޓީޗަރުންނާއި ސެން ޓީޗަރުން ތަމްރީނުކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި އިންޑިއާގެ ސަފީރު ވަނީ އައިޓެކް (ITEC) ގެ ދަށުން މިހާރުވެސް ކޯސްތައް ކުރިއަށްދާކަން ފާހަގަކުރައްވައި، އިތުރު ތަމްރީނު ފުރުސަތުތައް ފޯރުކޮށްދެވިދާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. ނިމިދިޔަ އަހަރު އައިޓެކް މެދުވެރިކޮށް 14 މުވައްޒަފުން ތަމްރީނުކޮށްފައިވާއިރު، މިއަހަރު ގުޑް ގަވަރނަންސްގެ ދާއިރާއިން އެކަކު ވަނީ ތަމްރީނުކުރެވިފަ އެވެ.
މި ބައްދަލުވުމުގައި އިންޑިއާގެ މުނިސިޕަލް ކޯޕަރޭޝަންތަކާއި މާލެ ސިޓީ ކައުންސިލާ ދެމެދު 'ސިސްޓަރ ސިޓީ' ގުޅުން ގާއިމުކުރުމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފަ އެވެ. މިގޮތުން ޗެންނާއީ ކޯޕަރޭޝަން ފަދަ ތަންތަނާއެކު އެމް.އޯ.ޔޫ ތަކެއްގެ ދަށުން ގުޅުން ބަދަހިކުރުމަށް ސަފީރު ލަފާދެއްވި އެވެ. މީގެ އިތުރުން، އައުޓްޑޯ ޖިމް ސާމާނު ހޯދުމާއި، އާންމު ތަންތަނުގައި 'ފޮތް ކިޔޭނެ ގޮތް' ގާއިމުކުރުން ފަދަ މުޖުތަމައަށް ފައިދާހުރި މަޝްރޫއުތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވެ އެވެ.