ނ. މަނަދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ އެ ތަކެތި ހޯދާފައިވަނީ މި ޖުލައި މަހުގެ 22 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި މަނަދޫ ޕޮލިސް ގުޅިގެން ހިންގި އެ އޮޕަރޭޝަނަކީ މާލެއާއި މަނަދޫއާ ދެމެދު ދަތުރުކުރާ ބޯޓަކުން މަނަދޫއަށް މަސްތުވާތަކެތި ގެންދާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
ފުލުހުން ބުނި ގޮތުގައި، އެ އޮޕަރޭޝަނުގައި، އެ ބޯޓުން ބޭލި ފޮށިގަނޑެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވެ އެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 52.7 ގުރާމް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވާކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.