ލޭގައި ހުންނަ ވައިރަސް އަވަހަށް ދެނެގަންނަ ޓެސްޓެއް ކަމަށްވާ ނިއުކްލިއިކް އެސިޑު ޓެސްޓިން (ނެޓް) ހަދަން އައިޖީއެމްއެޗްގައި މިއަދު ފަށައިފި އެވެ.
މިކަންހާމަކުރައްވާ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނެޓް ޓެސްޓު ފެށިގެން ދިއުމަކީ ރާއްޖޭގެ ލޭގެ ޚިދުމަތް ޒަމާނީ ފެންވަރަށް ގެންދިޔުމުގައި މިއަދު ޙާޞިލްވީ ވަރަށް މުހިއްމު ތާރީޚީ މަރުހަލާއެއް ކަމަށެވެ.
އެގޮތުން އެ ޓެކްނޮލޮޖީގައި ހެޕަޓައިޓިސް ބީ، އެޗްއައިވީ އަދި ހެޕަޓައިޓިސް ސީ ފަދަ ބަލިތައް އާދައިގެ ޓެސްޓިންނަށް ވުރެ އެތައް ގުނައެއް އަވަހަށް އަދި ޔަގީންކަމާއެކު ދެނަގަނެވޭނެ ކަމަށް ހަލީމް ވިދާޅުވިއެވެ.
އަދި އެއީ ލޭ އެޅުމުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ބޭނުންކުރަމުން އަންނަ އެންމެ ފަހުގެ ޓެކްނޮލޮޖީއެއް ކަމަށްވެސް ހަލީމް ވިދާޅުވިއެވެ.
ޚާއްސަ ގޮތެއްގައި، މި ޚިދުމަތް ތައާރަފް ކުރެވިގެން ދިޔުމަކީ، ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށާއި، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތުތަކާއި ވަޢުދުފުޅުތަކާ އެއްގޮތަށް، ލޭގެ ޚިދުމަތް އިތުރަށް ރައްކާތެރި އަދި ޒަމާނީ ކުރުމަށްޓަކައި، ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ގެންދިޔުމަށް އެޅުނު މުހިއްމު ޤައުމީ އަދި ތާރީޚީ މަސައްކަތެއްގެ ފެށުން ކަމަށް ހަލީމް ވިދާޅުވިއެވެ.
މިގޮތުން، ހަލީމް ވިދާޅުވީ މިއީ ލޭގެ ޚިދުމަތުގެ ޤައުމީ މިންގަނޑުތައް އަދި މޯލްޑިވްސް ތެލަސޭމިއާ މާސްޓަރ ޕްލޭން 2024–2034 ގައި ކަނޑައެޅިފައިވާ އިސްތިރާޖީ މަޤްޞަދުތައް ހާސިލް ކުރުމަށް އެޅުނު މުހިއްމު ޤައުމީ ފިޔަވަޅެއް ކަމަށެވެ.