ބަރުދަން ލުއިކުރުމަށާއި، އެކި ބަލިބަލީގެ ފަރުވާއެއް ކަމަށް ބުނެ ކާބޯތަކެތި އިޝްތިހާރު ކުރުމަކީ މަނާ ކަމެއް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭ އިން ބުނެފި އެވެ.
ބަލިބައްޔަށް ފަރުވައެއް ނުވަތަ ހަށިގަނޑަށް ބަދަލެއް ގެނެސްދޭ ކަމަށް ދޭހަވާ ގޮތަށް ރާއްޖޭގައި މަކެޓުކުރާ ކާބޯތަކެތީގެ އުފެއްދުންތަކާ ގުޅޭ ގޮތުން އެ އޮތޯރިޓީން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ، ބަރުދަން ލުއިކުރުމަށާއި، އެކި ބަލިބަލީގެ ފަރުވާއެއް ކަމަށް ބުނެ ގިނަ އުފެއްދުންތަކެއް މާކެޓުކޮށް، އެތަކެތި ބޭނުންކުރުމަށް ހިތްވަރުދީ އެއާ ގުޅޭ މައުލޫމާތުތައް އެކި މަންސަތަކުގައި ދައުރުކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ސައިންޓިފިކް ދިރާސާއެއްގެ މައްޗަށް ބިނާނުކޮށް ސާބިތުނުހިފޭ މައުލޫމާތު ހިމެނޭ ގޮތަށް އެ ތަކެތި މާކެޓުކުރުމަކީ އެ ބޭނުންކުރާ ފަރާތަށް މައުލޫމާތު އޮޅި ސިއްހަތަސް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އޮތް ކަމެއް ކަން ފާހަގަކޮށް އެ އޮތޯރިޓީން ބުނީ ވަކިން ހައްސަކޮށް ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި، މާބަނޑު މީހުން އަދި ގާތުންކިރުދޭ މައިންނަށް އޭގެ ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު ބޮޑުކަމަށެވެ.
މީގެ އތުރުން ކާބޯތަކެތީގެ އުފެއްދުންތަށް ކުރިއެރުވުމަށްޓަކައި ބޭނުންކުރާ މައުލޫމާތު، އެކި މަންސަތަކުގައި ސާއިއުކޮށް ދައުރުކުރުމަކީ އެ އޮތޯރިޓީގެ ކަބޯތަކެތި އިޝްތިހާރު ކުރުމާ ބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން އިޝްތިހާރު ކުރުން ކަމުގައި ބެލެވޭ ކަމަށާއި، އެގޮތަށް ސިއްހަތަށް ވަކި ފައިދާއެއް ކުރާނެ ކަމެއް ނުވަތަ އެކި އެކި ބަލި ބަލީގެ ފަރުވައަށް ރަނގަޅުވަނެ ކަމަށް ދޭހަވާ ގޮތަށް އިޝްތިހާރުކުރުމަކީ މަނާ ކަމެއް ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.
އެ އޮތޯރިޓިން ބުނީ، ކާބޯތަކެއްޗަކީ، ވަކި ފެންވަރެއްގެ ނުވަތަ ވަކި ހާއްސަ ސިފައެއްގެ އެއްޗެއްކަމަށް ދޭހަވާގޮތަށް ހަގީގަތާ ހިލާފަށް ނުވަތަ ހަގީގަތް އޮޅޭނެ ފަދަ ގޮތަކަށް އިޝްތިހާރު ކުރުމަކީވެސް އެ އޮތޯރިޓީގެ ގަވާއިދުގެ ދަށުން މަނާ ކަމެއް ކަމަށެވެ.
އެހެންކަމުން، ކާބޯތަކެތި އިޝްތިހާރު ކުރުހުމާ ބެހޭ ގަވާއިދާ އެއްގޮތަށް ކާބޯތަކެތި އިޝްތިހާރުކުރުމަށް އެ އޮތޯރިޓީން ވަނީ އަންގާފަ އެވެ.
ބަރުދަން ލުއިކުރުމަށާއި، އެކި ބަލިބަލީގެ ފަރުވާއެއް ކަމަށް ބުނެ ގިނަ އުފެއްދުންތަކެއް މާކެޓުކޮށް، އެތަކެތި ބޭނުންކުރުމަށް ހިތްވަރުދީ އެއާ ގުޅޭ މައުލޫމާތުތައް އެކި މަންސަތަކުގައި ދައުރުކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.