ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިޚްތިޞާޞުން އެ އަތޮޅު ސަވާހެލި ވަކިކޮށް، އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ.

އެ މަނިކުފާނު މިފަދައިން ނިންމަވާފައި ވަނީ ޤާނޫނު ނަންބަރު 2010/7 ގެ 1-56 ވަނަ މާއްދާގެ (ހ) އިން، ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމަށް ރައީސްއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން ނެރުއްވި، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުންނެވެ.

އިޚްތިޞާޞަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، އެ ޤަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ.

ސަވާހިއްޔަކީ ދެކުނުގެ ފަތުރުވެރިކަމުގެ އެންމެ މުހިންމު އެއް މަރުކަޒަށް ވުމުގެ ޤާބިލުކަން ލިބިފައިވާ ތަނެކެވެ.