މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމަށް ހޭލުންތިރިވުން މުހިއްމު ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުގެ ނައިބު ރައީސް، މުހައްމަދު ޝަފީގު މަހްމޫދު ވިދާޅުވެއްޖެ އެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން މިއަދު ކަސްޓަމްސް ހޯލުގައި މިއަހަރުގެ ފުރަތަމަ "އެޗް.އާރު.ސީ.އެމް – ސީ.އެސް.އޯ ޕާޓްނަރޝިޕް ފޯރަމް" ބާއްވާފައިވާ އިރު، އެ ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަފީގު ވިދާޅުވީ، މަސައްކަތުގެ މާހާއުލުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުން މުހިންމު ކަމަށެވެ.

މީގެ އިތުރުން، އިންސާނީ ހައްގުތައް ކުރިއެރުވުމުގައި މަދަނީ ޖަމްއިއްޔާތަކުގެ މުހިންމުކަމަށާއި ކޮމިޝަނާ މަދަނީ ޖަމިއްޔާތަކާ އޮންނަ ގުޅުން ރަނގަޅުކޮށް މަދަނީ ޖަމިއްޔާތައް ހަރަކާތްތެރިވުމަށް ފަހި މާހައުލެއް ގާއިމް ކުރުމަށް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތައް ޝަފީގު ވަނީ ފާހަގަކުރައްވާފަ އެވެ.

1 ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ފޯރަމްގެ މައުލޫއަކީ "މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން" ކަމަށްވީ އިރު، ފޯރަމްގައި މަސައްކަތުގެ މާހައުލުގައި ދިމާވާ ގޮންޖެހުންތަކާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މުހިއްމުކަމަށް އަލިއަޅުވާލާފައިވެއެވެ. އަދި 25 ޖަމިއްޔާއެއް ޝާމިލްވާހެން ޖުމްލަ 30 ފަރާތެއް މި ފޯރަމްގައި ބައިވެރިވެފައިވެއެވެ.

މި ފޯރަމްގައި ހެލްތު އެންޑް ސޭފްޓީ އާއި ގުޅޭ މައުލޫމާތު މި ދާއިރާގެ ތަޖުރިބާކާރެއްކަމަށްވާ، ޑރ. މުހައްމަދު އަބްދުﷲ ހުށަހަޅުއްވާ ދެއްވާފައިވެއެވެ. އެއަށްފަހު މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި ދުޅަހެޔޮކަމާ ގުޅޭގޮތުން ޕެނަލް ޑިސްކަޝަނެއް ކުރިއަށްގޮސްފައިވެއެވެ.

މި ޕެނަލްގެ ބައިވެރިންގެ ތެރޭގައި މޯލްޑިވްސް އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ އެސޯސިއޭޝަންގެ ރައީސް އިބްރާހިމް ޒާހިރާއި ހިއުމަން ރައިޓްސް ކޮމިޝަންގެ ކޮންސަލްޓަންޓް، ޑރ. މުހައްމަދު އަބްދުﷲ، އަދި ކޮމިޝަންގެ އިންވެސްޓިގޭޝަން ޑިޕާޓްމެންޓްގެ ޑިރެކްޓަރ މަރިޔަމް ޝިމްނާ ބައިވެރިވެ، ދުވަހުގެ މައުލޫއާ ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ހިއްސާ ކުރެއްވިއެވެ.

އެއަށްފަހު ރާއްޖޭގައި މަސައްކަތްތެރިންނަށް ލިބިދޭ ރައްކާތެރިކަމާ ގުޅޭގޮތުން ކޮމިޝަނުގެ ޑިރެކްޓަރު ހަދީޖާ ލިމްޔާ އަދި ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުގެ ޑިރެކްޓަރު ފާތިމަތު އަހުމަދު ވާހަކަ ދައްކަވާފައިވެއެވެ. އަދި ފޯރަމްގެ ފަހު އައިޓަމެއްގެ ގޮތުން ދިވެހިރާއްޖޭގެ ނަރުހުންގެ އެސޯސިއޭޝަންގެ ފަރާތުން މަރިޔަމް ޝިފާނާ މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ގެއްލިގެންދާ އާންމު ގޮތްތަކާމެދު މައުލޫމާތު ހުށަހަޅާފައިވެއެވެ.

އެޗް.އާރް.ސީ.އެމް ސީ.އެސް.އޯ. ޕާޓްނާޝިޕް ފޯރަމަކީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރުސީ.އެމް) އިން ޑިސެމްބަރު 2023 ން ފެށިގެން ކުރިޔަށް ގެންދާ ސިލްސިލާ ޕްރޮގްރާމެއް ކަމަށްވީ އިރު، މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ކޮމިޝަނާއި ސިވިލް ސޮސައިޓީ އޯގަނައިޒޭޝަން (ސީ.އެސް.އޯ) ތަކާ އޮންނަ ގުޅުން ބަދަހިކޮށް ދެމެހެއްޓެނިވިގޮތެއްގައި، ދެފަރާތުން ގުޅިގެން މަސައްކަތް ކުރެވޭނެ ހަރުދަނާ މާހައުލެއް ގާއިމްކޮށް އިންސާނީ ހައްގުތަކާއި ގުޅުންހުރި ކަންކަމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެ އެވެ.