ކ. ހިންމަފުށީގައި މާރާމާރީ ހިންގި ދެ ބިދޭސީން ޑީޕޯޓު ކުރަން މޯލްޑިވްސް އިމިގްރޭޝަން އަށް ހުށަހަޅާފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

ފުލުހުން ބުނީ ހިންމަފުށީގައި ބަޔަކު މީހުން މާރާމާރީ ހިންގާ ކަމުގެ މައުލޫމާތު ޖުލައި 19 ވަނަ ދުވަހުގެ ރޭ 19:24 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގެ ތުހުމަތުގައި މިސްރަށް ނިސްބަތްވާ ބިދޭސީ 2 ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 2 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަންވެސް ފުލުހުން ވަނީ ހާމަ ކޮށްފަ އެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ސުވާލު ކުރަންޖެހޭ މީހުންނާއި ސުވާލުކޮށް ބަލަންޖެހޭކަންކަން ފުލުހުން ބަލާފައިވާ ކަމަށެވެ.

މީގެ އިތުރުން ތަހުގީގުގެ ހޯދުންތަކަށް ރިއާޔަތްކޮށް، ތުހުމަތު ކުރެވޭ މީހުން ރާއްޖެއިން ފުރުވާލުމަށްފަހު އަނބުރާ ރާއްޖެ ނާދެވޭނެ ގޮތް ހެދުމަށް ފުލުހުންގެ ފަރާތުން މޯލްޑިވްސް އިމިގްރޭޝަން އަށް ހުށަހަޅާފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.