"ޑިޖިޓަލް ފޯ އޯލް"ގެ ނަމުގައި ހާއްސަ ކެމްޕެއިނެއް އިފްތިތާހު ކޮށްފިއެވެ.

މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން އެޖެންޑާގެ ދަށުން ކުރިއަށްގެންދާ ކެމްޕެއިނަކީ، ނޭޝަނަލް ޑިޖިޓަލް އޭއައި ލިޓަރެސީ އިތުރުކުރުމަށް ކުރިއަށްގެންދާ ކެމްޕެއިނެކެވެ. އަދި މި ކެމްޕެއިން އިފްތިތާހު ކޮށްދެއްވީ، ތައުލީމާއި މަތީ ތައުލީމާ މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއުއެވެ.

މީގެ އިތުރުން، މި ކެމްޕެއިން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާނާއި، ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީގެ އިތުރުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ދާހިލީ ވުޒާރާ އިން ބުނީ ވުޒާރާއާއި ތައުލީމީ ވުޒާރާއާ ގުޅިގެން ކުރިއަށްގެންދާ މި ކެމްޕެއިންގައި ފިއުޗާ އިންސްޓިޓިއުޓުން އޮޕަރޭޝަނަލައިޒް ކުރާނެ ކަމަށެވެ. އަދި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދޭނީ މައިންޑްކޯއިން ކަމަށާއި، ކެމްޕެއިނަކީ، 3 އަހަރު ދުވަހުގެ މުއްދަތަކަށް މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކެމްޕެއިނެއް ކަމަށްވެސް ދާހިލީ ވުޒާރާއިން ބުނެ އެވެ.

ދާހިލީ ވުޒާރާ އިން ބުނީ "ޑިޖިޓަލް ފޯ އޮލް ކެމްޕެއިނަކީ" ރާއްޖެ ޑިޖިޓަލައިޒޭޝަންއާ ދިމާލަށް ކުރާ ދަތުރުގައި ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ކުރިއަށް ގެންދާ ކެމްޕެއިނެއް ކަމަށެވެ. އަދި މުޅި ރާއްޖޭގައި ޑިޖިޓަލް ހިދުމަތްތަކާއި ޓެކްނޮލޮޖީތައް ފުޅާވަމުންދާއިރު، ހަމައެކަނި އެކްސެސް ލިބުމަކީ އެކަށީގެންވާ ކަމަކަށް ނުވާތީ ޑިޖިޓަލް ވަސީލަތްތައް ފައިދާހުރި ގޮތެއްގައި ބޭނުން ކުރުމަށް ބޭނުންވާ އިލްމާއި ހުނަރާއި އިތުބާރު ގާއިމްކޮށްދޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

ދާހިލީ ވުޒާރާ އިން އިތުރަށް ބުނީ ޑިޖިޓަލް ޓްރާންސްފޯމަޝަންގެ ސަބަބުން ލިބޭ ފުރުސަތުތަކުގެ ފައިދާ ކޮންމެ ރައްޔިތަކަށް ވެސް ލިބޭނެކަން ކަށަވަރު ކުރުމަކީ، މި ކެމްޕެއިންގެ އަމާޒު ކަމަށެވެ. މުޅި ރާއްޖޭގައި މި ކެމްޕެއިން ކުރިއަށްގެންދާއިރު، ކޮންމެ އަހަރަކުވެސް 75،000 މީހުން ނުވަތަ 3 އަހަރު ދުވަހުގެ ތެރޭގައި 225،000 މީހުންނަށް އަމާޒު ކުރާ އިރު މި ކެމްޕެއިން ހުރިހާ އުމުރުފުރާގެ މީހުންނަށްވެސް ހާއްސަވެއެވެ.

މި ކެމްޕެއިން ކުރިއަށް ގެންދިޔުމަށް މިހާރު، ގައުމީ ފެންވަރުގެ ފްރޭމްވޯކެއް އެކުލަވާލާފައިވާ ކަން ފާހަގަކޮށް، މައިންޑްކޯއިން ބުނީ، މި ކެމްޕެއިންގައި އެކި ދާއިރާތައް ހުންނާނެ ކަމަށާއި ކެމްޕެއިންގައި ބައިވެރިވުމަށް އެސެސްމަންޓެއް ހަދަން ޖެހޭނެ ކަމަށެވެ.

މި ކެމްޕެއިން އަމަލީގޮތުން ފެށުމަށް ފުރަތަމަ ޓްރެއިނިން އޮފް ޓްރެއިނަރސްގެ ތަމްރީންތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެއަށްފަހު ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި 6 އަތޮޅުގައި ކުރިއަށް ގެންދާ ގޮތަށް ވަނީ ނިންމާފައެވެ. ރަށްތައް ފުރަތަމަ ކަނޑައަޅާނީ، އާބާދީ ބޮޑެތި ރަށްތައް ބެލުމަށްފަހުގައެވެ.