ހަގީގީ ބަދަލެއް އަންނާނީ އިންސާނުން ބަދަލުވެގެން ކަމަށާއި، އެއީ އިންސާނުންނަށް ދެވޭ ތަމްރީނަކުން އެ އިންސާނާގެ ފިރުކާއި ވިސްނުމަށް އަންނަ ބަދަލު ކަމަށް، ތަޢުލީމާއި މަތީތަޢުލީމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

"ޑިޖިޓަލް ފޯ އޯލް" ކެމްޕޭން އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ ބަދަލެއް އައުމުގެ އެންމެ މުހިންމު އަސާސަކީ ކުރިއަށް ދިޔުމަށް އަންނަ ޝައުގުވެރިކަން ކަމަށެވެ.

މިއަދު އިފްތިތާހުކުރި ޑިޖިޓަލް ފޯ އޯލް ޕްރޮގްރާމަކީ 3 އަހަރަށް ބަހާލައިގެން މުޅި ދިވެހި ރާއްޖެގެ ހުރިހާ ރަށެއްގައި ގެންދިޔުމަށްޓަކައި ސަރުކާރުން ނިންމާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ މަގްސަދަކީ ދިވެހީން ޑިޖިޓަލްކަން ކަމުގައި ޓެކްނޮލޮޖީއަށް އަހުލުވެރިކޮށް، 2.0 އަށް ގެންނަ ބަދަލާއެކު ފަހުރުވެރިކަމާއެކު ދުނިޔޭގެ އެހެން ކުރި އަރާފައިވާ ގައުމުތަކާއި އެއް ހަމަޔެއްގެ އިލްމުވެރި އާބާދީއެއް ބިނާ ވެގެން ދިޔުން ކަމަށް ވަޒީރު ޑރ.ޝަފީޢު ވިދާޅުވިއެވެ.

މި ފުރުސަތުގައި އަޅުގަނޑު ފާހަގަކޮށްލަން ކޮންމެ ބަދަލަކީ އެއީ ރަގަޅު ބަދަލެއް ކަމުގައި ވިޔަސް ކޮންމެވެސް ވަރަކަށް ދެކޮޅު ހެދުން އޮންނާނެ. ލިބޭ މައުލޫމާތާއި ދެވޭ ހުނަރާއި ފޯރުކޮށްދެވޭ ގާބިލިއްޔަތެއްގެ ތެރެއިން ހަގީގަތުގައި އެކަން ބަދަލުވެގެން ދާނެ.

ތަޢުލީމާއި މަތީތަޢުލީމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު

ފިއުޗާ އިންސްޓިއުޓްއާއި ތައުލީމީ ވުޒާރާ ގުޅިގެން ދިވެހި ރާއްޖޭގެ ހުރިހާ ޔުނިވާސިޓީތަކާއި، ކޮލެޖުތައް އަދި ކައުންސިލްތަކާއި އެކު، ކުރިއަށް އޮތް 3 އަހަރު ތެރޭގައި ދިވެހި ރާއްޖޭގެ ކޮންމެ ރައްޔިތެއް ވެސް އެ ރައްޔިތެއްގެ ކުޅަދާނަކަމަށް ބެލުމެއް ނެތި ދޭންޖެހޭ އެހީތެރިކަމާއި ހިތްވަރު ދީގެން ޑިޖިޓަލް އެވެޔާނަސް ޕްރޮގްރާމްގެ ތެރެއިން ސާޓިފައިޑް ކުރެވޭ މިންވަރަށް ގެންދިޔުމަކީ އަމާޒު ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

ކޮންމެ މީހަކީ މުސްތަގުބަލުގައި އޮފީހަކަށް އައިސްގެން ވަޒީފާއަށް ނުކުންނަންޖެހޭ މީހާއަކަށް ވާކަށް ނުޖެހޭނެ. ކޮންމެ މަންމައަކީ އެ މަންމަ ދަރިފުޅަށް ކިޔަވާ ދިނުމަށްޓަކައި ޓިޔުޝަނަށް މީހެއް ގެންނަން ޖެހޭ މީހަކަށް ވާކައް ނުޖެހޭނެ. ކޮންމެ މުދައްރިސަކީ އެ މުދައްރިސު ފިލާވަޅު ތައްޔާރު ވުމަށް ޓަކައި ބޮޑު ތަކުލީފެއް ނަގަންޖެހޭ ޓީޗަރަކަށް ވާކަށް ނުޖެހޭނެ. އަދި އަޅުގަނޑުމެންގެ އޮފީހުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަކީ ވެސް މީގެ ފައްސޭހަކަން ލިބިގެން ދާނެ ބައެއް ކަން އަޅުގަނޑު މި ފުރުސަތުގައި ފާހަގަކުރަން

ތަޢުލީމާއި މަތީތަޢުލީމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު

ވަޒީރު އިތުރަށް ވިދާޅުވީ މީގެ ނަތީޖާއެއްގެ ގޮތުން ގޭގައި ތިބެގެން މަސައްކަތްކުރުމުގެ ފުރުސަތު ފަހިވެގެން ދިޔުމާއި، ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅުދެންތެރިކަމާއެކު ވެސް ހުރިހާ އެންމެންނަށް އެއް ހަމައެއްގައި މުޖުތަމައުގައި ހިދުމަތް ކުރުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށެވެ.