ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހާއި އެޗްޑީސީގެ ރިހި ޔޫބީލާއި ގުޅުވައި ހުޅުމާލޭގައި "ސައްބީސް ކާނިވަލް" ގެ ނަމުގައި ހާއްސަ ހަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ.

އެޗްޑީސީން ބުނީ މި ކާނިވަލް އޮންނާނީ ޖުލައި 24 އިން ޖުލައި 31ގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހަވީރު 04:00 އިން ރޭގަނޑު 11:00 އަށް، ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކަމަށެވެ.

އަށް ދުވަހަށް ކުރިއަށްގެންދާ އެ ކާނިވަލްގައި އުމުރުފުރާތަކަށް ހާއްސަ ހަރަކާތްތައް ހިމެނޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. އެގޮތުން، އެޗްޑީސީން ބުނީ ކާނިވަލް ގޭމްސް، ހޮރޯރ ހައުސް، ޑިޖިޓަލް ގޭމިންގ އެރީނާ، ފުޑް ކިއޮސްކުތައް، ޗިލްޑްރެންސް އޭރިއާ، އިންފްލޭޓަބަލްސް، ލައިވް މިއުޒިކްއާއެކު ބޮޑުބެރު ހުށަހެޅުންތައް ކާނިވަލްގެ އެކި ދުވަސްތަކުގައި އޮންނާނެ ކަމަށެވެ.

މިއީ މިނިވަން ދުވަހުގެ އުފާ ފާޅުކުރުމާއެކު ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އެއްބައިވަންތަކަށް އިތުރުކޮށް ކުދިބޮޑު އެންމެން އެއްތަނަކަށް އެއްވެ، މަޖާ އެކި ހަރަކާތްތަކާއެކު ހިތްހަމަޖެހޭ ވަގުތުކޮޅެއް ހޭދަކުރުމަށް މަގުފަހިކުރުމުގެ ގޮތުން ކުރިއަށްގެންދާ ކާނިވަލެއް ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުގެ އަމާޒަކީ ކުރިއަށްއޮތްތަނުގައިވެސް ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ބައިވެރިވުމާއެކު އެފަދަ ދުވަސްތައް ކުލަގަދަކޮށް ފާހަގަކުރުން ކަމުގައި އެ ކުންފުނިން ފާހަގަކުރެއެވެ.