ދައުލަތުގެ މުދަލަށް ގެއްލުން ނުވާނެ ގޮތަށް ކަންކަން އިންތިޒާމް ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް އަންގައިފި އެވެ.
އީސީން އެ ޕާޓީއަށް މިގޮތަށް އަންގާފައި ވަނީ މި މަހު 11ގައި ބޭއްވި ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ހުޅުމާލޭގެ ފޭސް 2ގައި ހުންނަ ކާމިލްދީދީ ޕްރައިމަރީ ސްކޫލްގައި ބޭހެއްޓި ހުޅުމާލޭ އުތުރު ދާއިރާގެ ވޯޓު ފޮށީގައި މާރާމާރީ ހިންގައި، އެ ސްކޫލްގެ ތަކެއްޗަށް ގެއްލުން ދިނުމާއި ގުޅިގެންނެވެ.
އެ ހަމަނުޖެހުމާ ގުޅިގެން އީސީގެ މެންބަރު އަދި ތަރުޖަމާނު ހަސަން ޒަކަރިއްޔާ ރާއްޖޭގެ އޮންލައިން މީޑިއާ އަކަށް މައުލޫމާތު ދެމުން ވިދާޅުވީ، ޕީއެންސީން އެއްބަސްވި ބަދަލު މިހާރު އެ ސްކޫލަށް ދީފައިވާ ކަމަށެވެ. އަދި އެކަން އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އީސީން ކަށަވަރުކޮށްފައިވާ ކަމަށް އެނާ ވިދާޅުވިއެވެ.
ހަމައެހެންމެ ޕީއެންސީން ބަދަލު ދީފައިވާތީވެ، އެކަމުގައި އީސީން އިތުރު ފިޔަވަޅެއް އަޅާފައި ނުވާކަމަށް ވެސް ހަސަން ވަނީ ވިދާޅުވެފައެވެ.
އެހެން ނަމަވެސް އީސީން ވަނީ ދެން ބާއްވާ އެފަދަ އިންތިހާބުތަކުގައި ދައުލަތުގެ މުދަލަށް ގެއްލުން ނުވާނެ ގޮތަށް، ރައްކާތެރިކަން އިސްކޮށްގެން ކަންކަން އިންތިޒާމް ކުރުމަށް އެ ޕާޓީގެ ލީޑާޝިޕަށް އަންގާފައެވެ.
ޕީއެންސީގެ އެތެރޭގެ އިންތިޚާބެއް ކުރިއަށް ގެންދިޔަ ދުވަހު ހަމަނުޖެހުން ހިންގީ ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ޝަރީފް ފޮނުވި ގްރޫޕަކުން ކަމަށް ތުހުމަތު ކުރި ނަމަވެސް، އޭނާ ވަނީ އެކަން ދޮގުކޮށްފައެވެ.
އެ ހަމަނުޖެހުމާ ގުޅިގެން ބައެއް ފަރާތްތަކަށް އަނިޔާވެފައިވާއިރު، ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯތަކުން ފެންނަ ގޮތުގައި، ބަޔަކު ވަނީ އެ ތަނަށް ވަދެ މީހުންނަށް ހަމަލާދީ، އެ ތަނުގައި ހުރި ގޮނޑި ފަދަ ތަކެތި އުކާފައެވެ.