މާލެ ސިޓީގައި ދިރިއުޅޭ، އެކި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރުމަށް އެ ރަށްރަށުގެ ކައުންސިލްތަކުން ބޭނުންވާ ހާލަތްތަކުގައި، މާލެ ސިޓީ ކައުންސިލުން، އެއްވެސް އަގަކާ ނުލައި، ޖާގަ ހަމަޖައްސައިދިނުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މި ގޮތަށް ނިންމާފައިވަނީ 22 ޖުލައި 2026 ވީ ބުދަ ދުވަހު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 9 ވަނަ ރަސްމީ ޢާންމު ޖަލްސާގައެވެ.
މި ހުށަހެޅުން ހުށަހަޅުއްވަމުން މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، މާލެ ސަރަހައްދުގައި އެކި ދާއިރާތަކުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ދިރިއުޅެމުންދާއިރު، އެ ރައްޔިތުންނާ ބައްދަލުކުރުމަށް ރަށްރަށުގެ ކައުންސިލްތަކުން ޖާގަ ހޯދުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. އެގޮތުން އެކި ރަށްރަށަށް ނިސްބަތްވާ ގިނަ ބަޔަކު މާލެ ސިޓީގައި އުޅޭތީ، އެ މީހުންނާ ބައްދަލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ދެ ފަރާތުގެ ގުޅުން ބަދަހިވާނެ ކަމެއް ކަމަށް މޭޔަރު ޢާޒިމް ފާހަގަކުރެއްވިއެވެ.
ކައުންސިލްތަކުން ބައްދަލުވުންތައް ބާއްވާއިރު، ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ހުސްތަންތަން ހަމަޖައްސައިދިނުމުގެ އިތުރުން، މެހެމާންދާރީ އަދާކުރުމުގެ ގޮތުން ރިފްރެޝްމަންޓް ފަދަ ކަންކަން ވެސް ހަމަޖައްސައިދިނުމަކީ، މާލެ ސިޓީއަކީ މެހެމާންދާރީ އަދާކުރުމުގައި ނަމޫނާ ސިޓީއަކަށް ހެދުމަށް ކުރެވޭނެ މަސައްކަތެއް ކަމަށް ވެސް މޭޔަރު ޢާޒިމް ވިދާޅުވިއެވެ.
މި ހުށަހެޅުމަށް ތާއީދު ކުރެއްވީ މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު މީކާއީލް މުޙައްމަދު ރިޔާޟެވެ. މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު ރިޟްވާން ޢަލީ ވެސް ވަނީ، މިއީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށް ވިދާޅުވެފައެވެ.
ސިޓީ ކައުންސިލުން ބުނީ މާލޭގައި ގިނަ ޢަދަދެއްގެ ރަށްރަށުގެ ރައްޔިތުން ދިރިއުޅޭތީ، މިއީ އެ ރައްޔިތުންނަށް ވެސް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. މީގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު އިސްމާޢީލް ހަލީމް ވިދާޅުވީ، މި ކަން ހަރުދަނާ އުސޫލެއްގެ ދަށުން ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމަށެވެ.
މި މުހިންމު ނިންމުން މާލެ ސިޓީ ކައުންސިލުން ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި ހުރިހައި ކައުންސިލަރުންގެ އިއްތިފާގުންނެވެ. މި ނިންމުމުގެ ސަބަބުން އެ ރަށްރަށުގެ ކައުންސިލްތަކާއި މާލެ ސިޓީ ކައުންސިލާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވުމުގެ އިތުރަށް މާލެ ސިޓީގައި އުޅޭ ރައްޔިތުންނާ، ކައުންސިލްތަކުން ގުޅުން ބަދަހިކޮށް މުޢާމަލާތް ކުރުމަށް ފަސޭހަވެގެންދާނެ ކަމުގައި ސިޓީ ކައުންސިލުން ފާހަގަކުރެއެވެ.