މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓު ކަނޑައަޅާފައިވާގޮތަށް ހުށަހަޅާފައި ނުވާތީ 3 ސިޔާސީ ޕާޓީއެއް ޖޫރިމަނާކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީން ބުނީ ކަނޑައަޅާފައިވާ މުއްދަތުގައި މާލީ ބަޔާން ހުށަހަޅާފައި ނުވާތީ ޖޫރިމަނާކުރި ޕާޓީތަކަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީ، މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީ އަދި އަދާލަތު ޕާޓީ ކަމަށެވެ.

އޭގެ ތެރެއިން އެމްއެންޕީ އާއި އަދާލަތުން އެއްވެސް ގޮތަކަށް މާލީ ބަޔާން ހުށަހަޅާފައެއް ނުވާއިރު، އެމްޑީޕީގެ މާލީ ބަޔާން ހުށަހަޅާފައިވަނީ މާލީ ބަޔާން ހުށަހަޅަންޖެހޭ މުއްދަތު ހަމަވިތާ ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަސްފަހުންނެވެ.

ކަނޑައެޅިފައިވާ ގޮތުގެ މަތިން އަމަލުނުކުރާ ހުރިހާ ޕާޓީ އެއް 50،000ރ. ގެ އަދަދަކުން ޖޫރިމަނާކުރުމަށް އީސީން ވަނީ ނިންމާފައެވެ.

ސިޔާސީ ޕާޓީތަކުން މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓު ހުށަހަޅަން ޖެހޭ އެންމެ ފަހުގެ ތާރީހަކީ މިދިޔަ މެއި މަހުގެ 20 ވަނަ ދުވަހެވެ.

ޕާޓީތަކަށް ލިބޭ އާމްދަނީއާއި ކުރާ ޚަރަދުތައް ގާނޫނުގައިވާ ގޮތުގެމަތިން ފުރިހަމައަށް އޮޑިޓްކޮށް، އެ ރިޕޯޓް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހެއެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ވާގޮތުން، ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ 0.1 އިންސައްތަ ސިޔާސީ ޕާޓީތައް ހިންގަން ދޭންޖެހެއެވެ. އެގޮތުން 2024 ވަނަ އަހަރު ވަނީ ސިޔާސީ ޕާޓީތަކަށް ޖުމްލަ 44 މިލިއަން ރުފިޔާ ދޫކޮށްފައެވެ. އެ އަހަރު ފައިސާދޫކޮށްފައި ވަނީ, ޕާޓީގައި މެންބަރުން ތިބި އަދަދަށް ބޮލަކަށް 289.62 ރުފިޔާގެ ރޭޓުންނެވެ.

މިގޮތުން 2025 ވަނަ އަހަރު އީސީން ވަނީ ފަސް ސިޔާސީ ޕާޓީއަކަށް، މެންބަރުންގެ ނިސްބަތުން ބޮލަކަށް 193.23 ރުފިޔާގެ މަގުން 27 މިލިޔަން ރުފިޔާ ދޫކޮށްފައެވެ. ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމަށް ޝަރުތު ހަމަވަނީ ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކުރާ ދުވަހާ ހަމައަށް އެ ޕާޓީއެއްގެ މެންބަރުންގެ ދަފްތަރުގައި 10،000 މީހުން ހަމަވާ ޕާޓީތަކަށެވެ.