ރާއްޖޭގެ ރުއްތަކަށް ދިމާވެފައިވާ ހުދު ކޫޑީގެ މައްސަލައަށް ހައްލު ހޯދުމަށް ތައްޔާރުކުރި ބޭސް ރުއްތަކަށް ލުމުގެ މަސައްކަތް ފަށައިފިއެވެ.
އެ މައްސަލަ ހައްލުކުރުމަށްޓަކައި ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ޗައިނާ ސަރުކާރުގެ އެހީގައި 'މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް'ގެ ދަށުން ކޮކޮނަޓް ހިސްޕިޑް ބީޓްލް ކޮންޓްރޯލުކުރުމަށް ގެނެސްފައިވާ ޔޭޖިއާޗިންގ ޕެސްޓިސައިޑު ޕަކެޓް ބޭނުންކޮށްގެން ހުދުކޫޑި ކޮންޓްރޯލުކުރުމުގެ ތަޖުރިބާތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ އެ ތަޖުރިބާތަކުގެ އީޖާބީ ނަތީޖާގެ އަލީގައި ހުދުކޫޑި ކޮންޓްރޯލުކުރުމަށްޓަކައި ހުރިހާ ކައުންސިލްތަކަށް ޕެސްޓިސައިޑު ޙަވާލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ރަށުގައި ހުރި ރުއްތަކުގެ ޢަދަދަށް ބިނާކޮށް ކޮންމެ ކައުންސިލަކަށްވެސް ޕެސްޓިސައިޑު ޕަކެޓް ހަވާލުކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
އެގޮތުން އެ ޕްރޮގުރާމްގެ ދަށުން ޕެސްޓިސައިޑު ފުރަތަމަ ޙަވާލުކުރެވުނީ ހއ. ބާރަށު ކައުންސިލާއި ކަމަށް މިނިސްޓްރީން ހާމަކުރެއެވެ. އެ ރަށުގައި ރުއްތަކަށް ޕެސްޓިސައިޑުލުމުގެ ޕްރޮގުރާމް ހިންގާފައިވާކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
އެ ޕްރޮގުރާމްގެ ދަށުން ހއ. ހދ. ށ. އަތޮޅުތަކުގައި ހިމެނޭ ރަށްތަކުގެ ކައުންސިލްތަކަށް ޕެސްޓިސައިޑު ޙަވާލުކުރުމުގެ ސިޓީތައް ފޮނުވާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. މި އަތޮޅުތަކުން ޕެސްޓިސައިޑާ ޙަވާލުވާނީ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުންނެވެ. މިނޫން އަތޮޅުތަކުން ޕެސްޓިސައިޑާ ޙަވާލުވާނީ މާލެއިންނެވެ.
މީގެއިތުރުން، ހުދުކޫޑީގެ މައްސަލަ ދިމާވެގެން އެކަން ޙައްލުކޮށްދިނުމަށް އެދި ލ.ކަލައިދޫ، ގދ. ފިޔޯރީ، އައްޑޫސިޓީގެ މީދޫން މިނިސްޓްރީގައި އެދިފައިވާތީ، އެރަށްރަށަށްވެސް ޕެސްޓިސައިޑު ޙަވާލުކުރުމުގެ ސިޓީތައް ވެސް ވަނީ މިނިސްޓްރީން ފޮނުވާފައެވެ. އިތުރު އަތޮޅުތަކަށް ޕެސްޓިސައިޑު ޙަވާލުކުރުމަށް ސިޓީތައް ފޮނުވުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުނެއެވެ.