ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން، ކަސްޓަމަރުން ބޭންކިންގ ޚިދުމަތްތަކަށް އެދި ހުށަހެޅުމުގައި އިތުރު ލުއިފަސޭހަކަމެއް ހޯދައިދިނުމަށްޓަކައި، ބޭންކުގެ މޮބައިލް އެޕް އަދި އިންޓަރނެޓް ބޭންކިންގ އަށް އަޕްޑޭޓް ގެނެސް 'އާޔާ' އަށް މުހިންމު ބަދަލުތަކެއް ގެންނަން ފަށައިފިއެވެ.
ބީއެމްއެލް އިން ބުނީ، މި އަޕްޑޭޓް އާއެކު 'އާޔާ' މެދުވެރިކޮށް ކަސްޓަމަރުންގެ ސުވާލުތަކާއި ބޭނުންތަކަށް އަވަސް ހައްލެއް ލިބި، ބޭންކިންގ ޚިދުމަތްތަކަށް އެދި ހުށަހެޅުމުގައި އިތުރު ހަލުވިކަމާއި ފަސޭހަކަމެއް ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން، ބޭނުންވެއްޖެ ހާލަތެއްގައި 'އާޔާ' މެދުވެރިކޮށް ބޭންކުގެ މުވައްޒަފެއްގެ އެހީތެރިކަން ހޯދުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. މިއީ ކަސްޓަމަރުންނަށް ބޭނުންވާ ޚާއްޞަ އެހީތެރިކަން ކަށަވަރުކޮށްދިނުމަށް ކުރެވުނު މުހިންމު މަސައްކަތެއް ކަން ބީއެމްއެލް އިން ވަނީ ފާހަގަކޮށްފައެވެ.
މި ބަދަލާއެކު، މޮބައިލް ބޭންކިންގ އެޕް އަދި އިންޓަރނެޓް ބޭންކިންގައި ކުރިން ބޭނުންކުރަމުން އައި މެސެޖިންގ ފީޗަރ މެދުވެރިކޮށް ބޭންކިންގ ޚިދުމަތްތަކަށް އެދި ހުށަހެޅުން މެދުކަނޑާލެވޭނެއެވެ.
މިއީ ބީއެމްއެލްގެ ޑިޖިޓަލް ބޭންކިންގ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ލުއިފަސޭހަ އަދި އިތުބާރު ހުރި ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބޭންކުން މެދުނުކެނޑި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅި މުހިންމު ފިޔަވަޅެކެވެ.