އިޒްރޭލުން ޣައްޒާއަށް ދިން ވައިގެ ހަމަލާއެއްގައި އެއް އާއިލާއެއްގެ 6 މީހަކު ޝަހީދުކޮށްލައިފިއެވެ.

ޣައްޒާ ސިޓީގައި ހުންނަ ގެއަކަށް އަންގާރަ ދުވަހު ދިން ހަމަލާގައި ފިރާސް އަލް މަސްރީ ނަމަކަށް ކިޔާ މީހަކާއި އާއި އޭނާގެ އަނބިމީހާ ސަލްސަބީލްގެ އިތުރުން، އެ ދެމަފިރިންގެ ތިން އަންހެން ދަރިންނާއި ފިރިހެން ދަރިއަކު ވަނީ ޝަހީދުކޮށްލާފައެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން މި ހަމަލާ ދިންކަން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި އެ ހަމަލާ އަމާޒުކުރީ ހަމާސްގެ ހަނގުރާމަވެރިއަކަށް ކަމަށާއި، އެ ހަމަލާގެ ސަބަބުން ލިބުނު ގެއްލުންތައް ބަލަމުން އަންނަ ކަމަށް އިޒްރޭލުން ބުނެފައިވެއެވެ.

ހުކުރު ދުވަހުން ފެށިގެން އެކި ފަހަރުމަތިން ދިން ހަމަލާތަކުގައި ހަމާސް އަދި އިސްލާމިކް ޖިހާދުގެ ތިން ހަނގުރާމަވެރިއަކު މަރާލެވިފައިވާ ކަމަށް އައިޑީއެފް އިން ބުނެއެވެ. އޭގެ ތެރެއިން ދެ މީހުންނަކީ އޮކްޓޯބަރު 7 ގައި އިޒްރޭލަށް ދިން ހަމަލާގައި ބައިވެރިވެ، އިޒްރޭލުގެ ރަހީނުން ހިފެހެއްޓި ބައެއް ކަމަށް ވެސް ބުނެފައިވެއެވެ.

އޮކްޓޯބަރު 10، 2025 އިން ފެށިގެން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، އިސްރާއީލުން ދަނީ އެ އެއްބަސްވުމާ ތަކުރާރުކޮށް ހިލާފުވަމުންނެވެ. ޣައްޒާގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ އަނަދޯލޫ އެޖެންސީން ބުނާ ގޮތުގައި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށްފަހު ހިންގި މިފަދަ ހަމަލާތަކުގައި 1،158 ފަލަސްތީނު ރައްޔިތުން ޝަހީދުވެ، 3،756 މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

އޮކްޓޯބަރު 8، 2023 ގައި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފެށި ގަތުލުއާންމުގައި މިހާތަނަށް 73،250 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެ، 173،751 މީހުން ވަނީ ޒަހަމްވެފައެވެ. އަދި ޣައްޒާގެ އާންމު ހިދުމަތްތަކާއި އުމްރާނީ ތަރައްގީގެ ގާތްގަނޑަކަށް 90 އިންސައްތަ ވަނީ އިސްރާއީލުގެ ހަމަލާތަކުގައި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.