ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށް އަންނަ މަހުގެ ތެރޭގައި ބަޔަކާއެކު އެއްބަސްވުމެއް އެކުލަވާލުމަށް ތައްޔާރުވެއްޖެއެވެ.

މިކަން ހާމަކުރައްވާފައި ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން އެވެ.

އެމަޖެންސީ މެޑިކަލް ސަރވިސަސްއާއެކު ހެލިކޮޕްޓަރުގެ ވިޔަފާރި އޮޕަރޭޝަންތައް ފެށުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ lމައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ މިހާރުގެ ޓްރާންސްޕޯޓް މޮޑެލްއަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އެގޮތުން ޚާއްސަކޮށް ސީޕްލޭން އޮޕަރޭޝަންތަކުގައި ރޭގަނޑު ދަތުރުނުކުރެވުން ފަދަ ހުރަސްތަކެއް ހުންނަ ކަމުގައި މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ ރެޔާއި ދުވާލު ވިއްސާރަޔާއި އަވީގައި ޓޫރިސްްޓް ޓްރާންސްފަރ އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ގެންދެވޭނެ މަގުތައް ފަހިކުރަންޖެހޭ ކަމަށެވެ.

ހެލިކޮޕްޓަރު ޚިދުމަތް ތައާރަފު ކުރުމުގެ މަސައްކަތުގެ ދަށުން ދެވަނަ އާރްއެފްޕީގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އަމީން ވިދާޅުވިއެވެ. މިކަމަށް ލިބިފައިވާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށާއި، އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތާއި ހިސާބަަށް ގޮސްފައިވާ ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިގޮތުން އަންނަ މަހު އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެހެންމެ ސޮއި ކުރުމަށްފަހު ރާއްޖޭގެ ސިވިލް އޭވިއޭޝަން ޤަވާއިދުތަކުގެ ދަށުން އެ ބަޔަކަށް އެއަރ އޮޕަރޭޓާ ސެޓްފިކެޓް ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މި ޚިދުމަތަކީ ހަމައެކަނި ފަތުރުވެރިން އުފުލުމަށް އަމާޒުކޮށްފައިވާ ކަމެއް ނޫންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ އެ ޚިދުމަތުގެ ތެރެއިން ސާރޗް އެންޑް ރެސްކިއުއާއި މެޑިކަލް އިވެކުއޭޝަންގެ ޚިދުމަތްވެސް ދޭނެ ކަމަށެވެ.

ފަތުރުވެރިން އެއްތަނުން އަނެއް ތަނަށް ގެންދިޔުމުގެ މަސައްކަތް ކުރިއަށްދާނީ، މި ޚިދުމަތުގެ ކޮމާޝަލް ބައެއްގެ ގޮތުގަ އެވެ.

ހެލިކޮޕްޓަރު ޚިދުމަތަށް ހޮވާ އޮޕަރޭޓަރުންނަށް އެންމެ ގިނަވެގެން ހުއްދަ ދޭނީ، 10 އަހަރު ދުވަހުގެ މުއްދަތަކަށެވެ.

ސަރުކާރުގެ އަމާޒަކީ، ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސަލާމަތީ އެންމެހާ މިންގަނޑުތަކާއެކު، އެންމެ ލަސްވެގެން 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ރަސްމީކޮށް ފެށުމެވެ.

އެ ޚިދުމަތް ފަށާ ފުރަތަމަ 3 އަހަރު ދުވަހު، ކޮންމެ މަހަކު އެއްވެސް އަގަކާ ނުލާ 50 ގަޑިއިރަށް މެޑިކަލް އިވެކުއޭޝަންގެ ޚިދުމަތް ދޭންޖެހޭނެއެވެ. ނަމަވެސް އެ ހިދުމަތުން ކުރިއަށްގެންދާ ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ސަރުކާރުން އަގު އަދާކުރާނެއެވެ.