މިދިޔަ ހަފްތާ އެކަނިވެސް މާލެ ސަރަހައްދުން ހިމަބިހީގެ 22 ކޭސް ފެނިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ހިމަބިހީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ހަފުތާގައި ބަލި ޖެހިގެން ރިޕޯޓުކޮށްފައިވަނީ، 22 މީހުންނެވެ. އަދި އޭގެ ކުރީ ހަފްތާގައި ހިމަބިހި ޖެހިގެން 23 މީހަކު ރިޕޯޓްކޮށްފައެވެ. އެއާއެކު މިފަހުން ހިމަބިހި ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު 166 މީހުންނަށް އަރާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ހިމަބިހި ފެތުރެން ފެށުމާއެކު އެޗްޕީއޭއިން ވަނީ، ބަލިން ރައްކާތެރިވުމަށް ވެކްސިން ޖަހާފައިވާކަން ކަށަވަރުނުވާ ފަރާތްތައް ހިމެނޭހެން ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް ފަށާފައެވެ. މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 9،918 މީހުންނަށް ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ވަނީ ހިމަބިހި ފެތުރުން ހުއްޓުވުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެދިފައެވެ.

މިގޮތުން ބައްޔަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ، ޓެސްޓުގެ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމާއި، ހުން އައިސް ގައިގައި ރަތް ބިހި ނެގުން ނުވަތަ ރޯގާގެ އަލާމާތްތައް ފެންނަނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި ހުން އައުމާއެކު ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.

މީގެ އިތުރުން މިފަދަ އަލާމާތްތައް ފެނިގެން ހޮސްޕިޓަލަށް އަންނައިރު، އެހެން މީހުންނަށް ބަލި ފެތުރުނަ ނުދިނުމަށްޓަކައި މާސްކު އެޅުމަށްވެސް އެޗްޕީއޭ އިން ވަނީ އެދިފައެވެ.

ރާއްޖެ އިން ހިމަބިހި ނައްތާލީ 2017 ވަނަ އަހަރު އެވެ. އެކަމަކު އޭގެ ފަހުން ދޭތެރެ ދޭތެރެއިން އެ ބަލީގެ ވޭދަނަތައް ދަނީ ފެންނަމުންނެވެ.