ދިވެހިރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި އަދިވެސް އެންމެ މަގުބޫލު މަންޒިލް ކަމަށް މޯލްޑިވްސް ވިޒިޓަރ ސަވޭ 2025 އިން ހާމަވެއްޖެއެވެ.
މި ސަވޭއިން ހާމަވާގޮތުގައި، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން ގާތްގަނޑަކަށް 80 އިންސައްތަ ފަތުރުވެރިންނަކީ އެހެން މަންޒިލްތަކުގެ ބަދަލުގައި، ރާއްޖެއަށް އިސްކަންދޭ ފަރާތްތަކެވެ.
މި ސަވޭގެ ނަތީޖާތަކަށް ބަލާއިރު، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތިންބައިކުޅަ ދެބައި މީހުންނަކީ ހަމައެކަނި ރާއްޖެއަށް ޒިޔާރަތްކުރުމަށް ދަތުރު ރާވާ ފަރާތްތަކެވެ. މީގެ މާނައަކީ ރާއްޖެއަކީ އެހެން ގައުމަކަށް ކުރާ ދަތުރެއްގެ ޓްރާންސިޓް މަންޒިލެއްގެ ގޮތުގައި ރާއްޖެ ކަނޑަނާޅާ، މައިގަނޑު މަންޒިލެއްގެ ގޮތުގައި ފަތުރުވެރިން ރާއްޖެ އިހްތިޔާރުކުރާކަމެވެ.
ޓޫރިޒަމް މިނިސްޓްރީގެ ސަރވޭގައި ބަޔާންކޮށްފައިވާ ގޮތުގައި، ފަތުރުވެރިންގެ ދަތުރުގެ ރޭވުންތަކަށް ބަލާއިރު، ގިނަ ފަތުރުވެރިން ދަތުރު ރާވަނީ 3 މަހާއި 12 މަހާ ދެމެދުގެ މުއްދަތެއް ކުރިންނެވެ. އަދި ގިނަ ބުކިންގްތައް ހަދާފައިވަނީ ދަތުރު ފެށުމުގެ 1 މަހާއި 6 މަހާ ދެމެދުގައެވެ. މީގެ އިތުރުން މާކެޓް މިކްސްގައި އަންހެނުންނާއި ފިރިހެނުންގެ ނިސްބަތް ހަމަހަމަކޮށް ހުރުމާއި، ދުރު ގައުމުތަކުން އަންނަ ފަތުރުވެރިން ގިނަވުމަކީ ފަތުރުވެރިކަމުގެ ސިނާއަތުގެ ވަރުގަދަކަން ދައްކުވައިދޭ ކަމެއްކަމަށް ވެސް ވެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ މައިގަނޑަކީ އަދިވެސް ރިސޯޓްތައް ކަމަށްވާއިރު، ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު އާންމުކޮށް ހުންނަނީ 4 ދުވަހާއި 7 ދުވަހާ ދެމެދުގައެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ރާއްޖެއަށް ދަތުރުކުރުމަށް ފަތުރުވެރިންނަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވަނީ ރައްޓެހިންނާއި އާއިލާގެ ރެކޮމެންޑޭޝަންތަކާއި، ސޯޝަލް މީޑިއާ އަދި އޮންލައިން ޓްރެވަލް ޕްލެޓްފޯމްތަކުންނެވެ.
ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ހިދުމަތް ދިނުމަށްޓަކައި 1،304 ތަނެއް ވަނީ ހުޅުވާފައެވެ.
އޭގެ ތެރޭގައި 179 ރިސޯޓާއި 936 ގެސްޓްހައުސް އާއި 16 ހޮޓާ އަދި 173 ޓޫރިސްޓް އުޅަނދު ހިމެނޭ އިރު، މި ފެސިލިޓީތަކުގައި ހުރީ 68،190 އެނދެވެ.