އިނގިރޭސިވިލާތަށް ދަތުރުކުރަން ބޭނުންވާ ދިވެހިންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، ވިސާއަށް އެދި ހުށަހެޅުމަށް މާލޭގައި ވަގުތީ ސެންޓަރެއް ހުޅުވުމަށް ވީއެފްއެސް ގްލޯބަލްއިން ނިންމާފައިވާ ކަމަށް ހާރިޖީ ވުޒާރާއިން މިއަދު ބުނެފިއެވެ.

އެ ވުޒާރާއިން ބުނީ، މި ކްލިނިކް ކުރިޔަށް ގެންދާނީ އަންނަ އޮގަސްޓް މަހުގެ 10 އިން 12 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މިއީ، އިނގިރޭސިވިލާތަށް ކިޔަވަންދާ ދަރިވަރުންނާއި، އެކި ބޭނުންތަކަށް އެ ޤައުމަށް ދަތުރުކުރާ ދިވެހިންނަށް ރާއްޖޭގައި ތިބެގެން ވިސާގެ ކަންކަން ފުރިހަމަ ކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ފަށާ ޚިދުމަތެއް ކަމަށް ހާރިޖީ ވުޒާރާއިން ބުނެއެވެ.

ވީއެފްއެސްއިން ވަނީ އިނގިރޭސިވިލާތުގެ ވިސާ އަށް އެދި ހުށަހަޅަން ބޭނުންވާ ދިވެހިން، އިނގިރޭސިވިލާތުގެ ރަސްމީ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅައި، އެޕޮއިންޓްމަންޓް ބުކްކުރުމަށް އިލްތިމާސްކޮށްފައެވެ.

ހާރިޖީ ވުޒާރާއިން ބުނީ ވަގުތީ ވިސާ ކްލިނިކަކީ ކޮންމެ އަހަރަކު ވެސް، ހާއްސަކޮށް މަތީ ތައުލީމަށް އިނގިރޭސިވިލާތަށް ދަތުރުކުރާ ދިވެހި ދަރިވަރުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ބާއްވާ ހަރަކާތެއް ކަމަށާއި، މީގެ ސަބަބުން ރާއްޖެއިން ބޭރަށް ދާން ނުޖެހި، މާލޭގައި ތިބެގެން ބަޔޯމެޓްރިކްސް ދިނުމާއި ބޭނުންވާ ލިޔެކިޔުންތައް ހުށަހެޅުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށެވެ.

މަތީ ތައުލީމަށް އިނގިރޭސިވިލާތަށް ދަތުރު ކުރާ ދިވެހި ދަރިވަރުންނަށާއި، އެހެނިހެން ދިވެހި ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް ކޮންމެ އަހަރަކުވެސް "ޓެމްޕަރަރީ ވިސާ ކްލިނިކް"ގެ އިންތިޒާމްތައް ހައްމަޖައްސައެވެ.