ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށާއި، މާލީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ހުރިހާ ކުންފުންޏެއްގެ ސިޔާސަތުތައް އެއްހަމަކުރުމަށްޓަކައި، އިތުރުގަޑީގެ ފައިސާ ދިނުމާ ގުޅޭ އުސޫލުތައް އިސްލާހުކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ސަރުކާރު ހިއްސާވާ ކުންފުނިތަކަށާއި އެ ކުންފުނިތަކުގެ ސަބްސިޑިއަރީތަކަށް އަންގައިފިއެވެ.
ޕީސީބީ އިން މިއަދު ކުންފުނިތަކަށް ފޮނުވި ސާރކިއުލާގައި އިރުޝާދުދީފައިވަނީ، ހަފުތާއަކު 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތްކުރާ ވަގުތަށް އެކަނި އިތުރުގަޑީގެ ފައިސާ ލިބޭގޮތަށް ކުންފުނިތަކުގެ އޯޓީ ދޭ އުސޫލު ބަދަލުކުރުމަށެވެ.
ޕީސީބީން ބުނީ، މި ނިންމުމުގެ މަގުސަދަކީ އިތުރުގަޑީގެ މަސައްކަތް ބެލެހެއްޓުމުގައި ހުރިހާ ކުންފުންޏަކުންވެސް އެއް އުސޫލަކަށް އަމަލުކުރުން ކަމަށެވެ.
އެގޮތުން މިހާރުވެސް އިތުރުގަޑީގެ ފައިސާ ދިނުމުގައި ވަކި ކެޕެއް ކަނޑައަޅާފައިވާ ކުންފުނިތަކުން، އެ ކުންފުނިތަކުގެ މިހާރުގެ އުސޫލުތަކާއި މި އައު 48 ގަޑިއިރުގެ އުސޫލު އަޅާކިޔައި، ކުންފުންޏަށް މާލީގޮތުން އެންމެ ފައިދާހުރި އަދި ހަރަދު ކުޑަ ގޮތެއް އިހްތިޔާރުކުރުމަށް ޕީސީބީއިން ވަނީ އަންގާފައެވެ.
މި ބަދަލުތަކުގެ ސަބަބުން ކުންފުނިތަކުގެ މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރިއަށްގެންދިއުމަށާއި، މުވައްޒަފުންގެ މެދުގައި މަސައްކަތްތައް ހަމަހަމައަށް ބެހުމަށާއި، ބޭކާރު ގޮތުގައި އިތުރުގަޑީގެ މަސައްކަތަށް ބަރޯސާވުން ކުޑަވެގެންދާނެ ކަމަށް ބެލެވޭ ކަމަށް ޕީސީބީން ވަނީ ބުނެފައެވެ. އަދި އިތުރުގަޑީގެ ހަރަދުތައް ހަރުދަނާކޮށް ބެލެހެއްޓުމުން، ކުންފުނީގެ މުހިންމު މަސައްކަތްތަކަށާއި، ހިދުމަތްތައް ރަނގަޅުކުރުމަށް އިތުރު ވަސީލަތްތައް ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ޕީސީބީން ބުނެއެވެ.
ޕީސީބީ އިން ވަނީ 30 ޖުލައި 2026 ގެ ކުރިން ކުންފުނިތަކުގެ އޯޓީ ދިނުމުގެ އުސޫލަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ނިންމުމަށް އަންގާފައެވެ. މި އިސްލާހުކުރެވޭ އުސޫލުތަކަށް އަމަލުކުރަން ފަށާނީ އަންނަ އޯގަސްޓް މަހުގެ 1 އިން ފެށިގެން ކަމަށް ޕީސީބީން ވަނީ ބުނެފައެވެ.
ޕީސީބީން ވަނީ، ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދާނާކޮށް އެ ކުންފުނިތަކަކީ ފައިދާގައި ހިންގާ ކުންފުނިތަކަށް ހެދުމަށްކުރަމުންދާ މަސައްކަތުގެ ތަރެއިން، މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް ވެސް ކުންފުނިތަކަށް މީގެ ކުރިން ވެސް އަންގާފައެވެ.